ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވީއައިއޭ ބައިނަލްއަގުވާމީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކުން ނޮމިނޭޓްވެއްޖެ

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއާޕޯޓުތަކާ ވާދަކުރާ، ރާއްޖޭގެ މައި ދޮރާށި—ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޭރުގެ ހިތްގައިމު މަންޒަރެއް / ފޮޓޯ: ޕީއެސްއެމް ނިއުސް
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއާޕޯޓުތަކާ ވާދަކުރާ، ރާއްޖޭގެ މައި ދޮރާށި—ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޭރުގެ ހިތްގައިމު މަންޒަރެއް / ފޮޓޯ: ޕީއެސްއެމް ނިއުސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ދުނިޔޭގެ ޝަރަފުވެރި 'ވޯލްޑް ޓްރެވަލް އެވޯޑްސް 2026' ގެ ދެ ކެޓަގަރީއަކުން ނޮމިނޭޓްވެ، ބައިނަލްއަގުވާމީ ބޮޑެތި އެއާޕޯޓުތަކާ ވާދަކުރުމުގެ ފުރުސަތު ހޯދައިފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ މިއަހަރުގެ ބައިނަލްއަގުވާމީ ކެޓަގަރީތަކުން ރާއްޖޭގެ މައި ދޮރާށި، ވީއައިއޭ ނޮމިނޭޓްވެފައިވަނީ 'ވޯލްޑްސް ލީޑިންގ އެއަރޕޯޓް 2026' އަދި 'ވޯލްޑްސް ލީޑިންގ އެއަރޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް 2026' ގެ ކެޓަގަރީންނެވެ.

ވީއައިއޭއަށް މި ފުރުސަތު ތަނަވަސްވެގެންދިޔައީ، ނިމިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު ވޯލްޑް ޓްރެވަލް އެވޯޑްސްގެ ސަރަހައްދީ ބުރުގައި 'އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026' ގެ ޝަރަފުވެރި މަގާމު އެއާޕޯޓުން ހާސިލްކޮށްފައިވާތީއެވެ.
މި ނޮމިނޭަންތަކާއެކު، ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ބޮޑެތި އަދި މަގުބޫލު އެއާޕޯޓުތަކާ ދެކޮޅަށް ވީއައިއޭ ވާދަކުރާނެއެވެ. އެގޮތުން 'ވޯލްޑްސް ލީޑިންގ އެއަރޕޯޓް' ކެޓަގަރީގައި ސިންގަޕޫރުގެ ޗާންގީ އެއާޕޯޓް، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓް، އިސްތަންބޫލުގެ އައިޖީއޭ އެއާޕޯޓް، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އެއާޕޯޓް، ނިއުޔޯކުގެ ޖޭއެފްކޭ އެއާޕޯޓް އަދި ޒިއުރިކް އެއާޕޯޓް ފަދަ ނުފޫޒުގަދަ އެއާޕޯޓުތަކާ ވީއައިއޭ ވާދަކުރާނެއެވެ.

މީގެ އިތުރުން، 'ވޯލްޑްސް ލީޑިންގ އެއަރޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް' ކެޓަގަރީގައި ޖުމްލަ 12 އެއާޕޯޓަކާ ދެކޮޅަށް ވީއައިއޭ ވާދަކުރާއިރު، އޭގެ ތެރޭގައި ޗާންގީ އެއާޕޯޓާއި، ދުބާއީ އެއާޕޯޓާއި، ހޮންކޮންގ އެއާޕޯޓުގެ އިތުރުން އަބޫދާބީގެ ޒާއިދު އިންޓަނޭޝަނަލް އެއާޕޯޓާއި، ސިޑްނީ އެއާޕޯޓް އަދި އޯކްލޭންޑް އެއާޕޯޓް ހިމެނެއެވެ.

މި އެވޯޑުތަކަށް ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ. އެހެންކަމުން، މި ދެ ކެޓަގަރީންވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަގުވާމީ ކާމިޔާބީއެއް ހޯދައިދިނުމަށްޓަކައި، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ވީއައިއޭއަށް ވޯޓު ދެއްވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ އިލްތިމާސްކޮށްފައެވެ.