މ. މުއިވެޔޮދޮށުގެ ބިމުގައި ބިނާކުރާ ޒަމާނީ ބޮޑުގެ މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ
މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ހުރި ބިމުގައި އަލަށް ތަރައްޤީކުރާ ޒަމާނީ މިސްކިތުގެ މަސައްކަތް އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބިންގާ އަޅުއްވައިދެއްވި މި މިސްކިތަކީ އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެން ބިނާކުރާ 1300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މިހާރު ކުރިއަށްދަނީ އިމާރާތުގެ ބީމް ޝަޓަރިންގ، ސްލެބް ޝަޓަރިންގ އަދި ބީމް ރީއެންފޯސްމަންޓް ތައްޔާރުކުރުމުގެ މަސައްކަތްތަކެވެ. އަދި މިމަހުގެ 22 ވަނަ ދުވަހު ބީމް އަދި ސްލެބް ކާސްޓިންގ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
Ads by BMLވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 4 ފަންގިފިލާގެ ދާއިމީ މިސްކިތެކެވެ. ގިނަ ވަސީލަތްތަކަކާއެކު ތަރައްޤީކުރާ މި މިސްކިތުގެ ގްރައުންޑް ފްލޯގައި މައި ނަމާދުކުރާ ބަޔާއި، ވުޟޫކުރާ ސަރަޙައްދުގެ އިތުރުން ފާޚާނާ ބަރިއެއް ހިމެނެއެވެ.
މިސްކިތުގެ މެޒެނީން ބުރި އަންހެނުން ނަމާދުކުރުމަށް ޚާއްޞަކުރެވިފައިވާއިރު، އެއްވަނަ ބުރުގައި ނަމާދުކުރާ ބަޔަކާއި އިޢުތިކާފް ސަރަޙައްދެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މިސްކިތުގެ ދެވަނަ ބުރުގައި 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ޒަމާނީ ކްލާސްރޫމްތަކާއި، ލައިބްރަރީ އަދި އެޑްމިން އޮފީހެއް ޤާއިމްކުރެވޭނެއެވެ.
އަދި މިސްކިތުގެ ޓެރަހަކީވެސް ނަމާދުކުރެވޭ ގޮތަށް ފަރުމާކުރެވޭ ތަނެކެވެ. މި މަޝްރޫޢު އެއްކޮށް ނިންމުމަށް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.
މިސްކިތް ނިމުމުން ރައްޔިތުންނަށް ލިބޭނެ މުހިންމު ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެތެރޭގައި
* ޖާގައިގެ ދަތިކަން ޙައްލުވުން: 1300 މީހުންގެ ބޮޑު ޖާގައެއް އޮތުމުން، ނަމާދުގެ ޖަމާޢަތްތަކަށާއި ޚާއްޞަކޮށް ހުކުރު ނަމާދަށްދާ މީހުންނަށް ދިމާވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބޭނެއެވެ.
* އަންހެނުންނަށް ޚާއްޞަ ޖާގައެއް ލިބުން: މިސްކިތުގެ މެޒެނީން ބުރި އަންހެނުން ނަމާދުކުރުމަށް ޚާއްޞަކޮށްފައިވުމުން، އަންހެން ކަނބަލުންނަށް ފަސޭހަކަމާއެކު ޖަމާޢަތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.
* ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަވުން: މިސްކިތުގައި ލިފްޓު ހަރުކޮށް، ފުރޮޅުލީ ގޮނޑީގައި އުޅޭ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެވޭނެ ރޭމްޕްތަކާއި، އެފަދަ ފަރާތްތަކަށް ޚާއްޞަ ވުޟޫކުރާ ބަޔަކާއި ފާޚާނާ ހެދުމުން އެންމެންނަށްވެސް ހަމަހަމަކަމާއެކު މިސްކިތުގެ ބޭނުން ހިފޭނެއެވެ.
* ދީނީ އަދި އިޖުތިމާޢީ މަރުކަޒަކަށް ވުން: 150 މީހުންގެ ކޮންފަރެންސް ހޯލާއި، ޒަމާނީ ކްލާސްރޫމްތަކާއި ލައިބްރަރީގެ ސަބަބުން، މިއީ ހަމައެކަނި ނަމާދުކުރާ ތަނެއްގެ އިތުރުން ދީނީ ޢިލްމު އުނގަންނައިދޭ އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާ މަރުކަޒަކަށް ވެގެންދާނެއެވެ.
* އިޢުތިކާފް ކުރާނެ ޖާގަ ލިބުން: މިސްކިތުގެ އެއްވަނަ ބުރުގައި އިޢުތިކާފް ކުރުމަށް ޚާއްޞަ ސަރަޙައްދެއް ހެދުމުން، ރަމަޟާން މަހުގެ ފަހު ދިހައެއް ފަދަ ދުވަސްތަކުގައި އަޅުކަމުގައި މަޝްޣޫލުވާން ބޭނުންވާ ފަރާތްތަކަށް ފުރިހަމަ މާޙައުލެއް ލިބޭނެއެވެ.
Ads by MACL
