ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ބ. ކިހާދޫގައި ފަށައިފި
ދިވެހި ސަރުކާރުން ކުރިއަށްގެންދާ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމްގެ ތިންވަނަ ބެޗުގެ ކިޔެވުން ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ރަސްމީކޮށް ފަށައިފިއެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހު ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން، ކަނޑައެޅިފައިވާ އުޞޫލުތަކުގެ ދަށުން ހޮވުނު 84 ދަރިވަރުން މި ބެޗުގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ 64 ފިރިހެން ދަރިވަރުންނާއި 20 އަންހެން ދަރިވަރުންނެވެ.
ޖުމްލަ 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ސެޓްފިކެޓް ލެވެލް 3 ގެ ހަ ކޯހެއް ކުރިއަށްދާނެއެވެ. އެ ކޯސްތަކަކީ:
Ads by BML* މެރިން މެކޭނިކް
* ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ
* ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން
* އޮޓޯމޯބައިލް އިންޖިނިއަރިންގ
* އިލެކްޓްރީޝަން
* އޮފީސް މެނޭޖްމަންޓް
މި ޕްރޮގްރާމުގައި ފަންނީ ޢިލްމާއި ހުނަރުގެ އިތުރުން ފިޒިކަލް ފިޓްނަސް، ސްވިމިންގ، ޑްރިލް އަދި ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ލައިފް ސްކިލްސްގެ ބައިތަކުގެ ތެރެއިން ވެށި ސާފުކޮށް ބެލެހެއްޓުމާއި، ޓީމު ބިލްޑިންގ، ލީޑަރޝިޕް އަދި އަދަބު އަޚުލާޤު ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ މުހިންމު ފަންނީ ހުނަރުތަކާއެކު، އަމިއްލަ ނަފްސަށް އިތުބާރު ކުރާ، ޢަޤީދާ ވަރުގަދަ، ރޫޚާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ. މި ތަމްރީނުގެ ތެރެއިން ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތުގެ ދާއިރާއިން ވެސް ފުޅާދާއިރާއެއްގައި ތަމްރީނު ދެވޭނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ ޤައުމަށް ބޭނުންތެރި، މަސައްކަތްތެރި ޒުވާނުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ އެންމެ އިސް ސިޔާސަތުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ މުހިންމު ޤައުމީ ޙަރަކާތެކެވެ.
Ads by MACL
