ގިނަބައެއްގެ ސަމާލުކަން ހޯދި ”ކީއްވެ؟“ ގެ އޮންލައިން ޓިކެޓް ބުކިންގއަށް ހުޅުވާލައިފި
މިއަދު ދިވެހި ސިނަމާގައި އެންމެ މަޝްހޫރު ވާހަކަ އަކީ ކުރީގެ މަޝްހޫރު ފިލްމީ ތަރި ރީކޯ މޫސާ މަނިކު 25 އަހަރަށް ފަހު ދިވެހި ފިލްމެއްގެ ލީޑް ރޯލުން ފެންނަން އުޅޭ ވާހަކައެވެ. ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ދިވެހި ފިލްމް "ކީއްވެ؟" ޕްރިމިއަރ ކުރާނެ ތާރީޚު އިއުލާނުކޮށްފައި ވާއިރު މިއަދު ވަނީ އެފިލްމުގެ އޮންލައިން ޓިކެޓް ބުކިންގ އާންމުކޮށް ހުޅުވާލައިފިއެވެ.
އޮންލައިން ބުކިންގ އަށް ޚާއްސަކޮށް ހަމަޖެހިފައިވާ ނަންބަރު 7458800 އަށް ވައިބަރ މެދުވެރިކޮށް މެސެޖުކޮށްގެން ފަސޭހައިން ޓިކެޓް ބުކް ކުރެވޭނެ ކަމަށް ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު، ރީކޯ މޫސަ ފިލްމީ ޕްރޮޖެކްޓަކުން މި ފެނުނީ ވަރަށް ދިގު މުއްދަތެއްގެ މެދުކެނޑުމަކަށްފަހުއެވެ. މީގެ އިތުރުން، މި ފިލްމަކީ ދިވެހި ސިނަމާގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު ކަމަށްވާ އީސާ ޝަރީފް، ޑައިރެކްޝަނާ ދުރުގައި 25 އަހަރު ދުވަސް ހޭދަކުރުމަށްފަހު އެނބުރި އައި ފުރަތަމަ ފިލްމު ވެސް މެއެވެ. މި ދެ ފަންނާނުންގެ އެނބުރި އައުމަކީ ދިވެހި ފިލްމީ ދާއިރާގެ ރަން ޒަމާން ހަނދާންކޮށްދީ، ގިނަ ބައެއްގެ ޖަޒުބާތުތަކާ ކުޅެލި ކަމެކެވެ.މި ފިލްމަކީ ރާއްޖޭގެ ފުންނާބުއުސް ހަތަރު ސްޓޫޑިއޯއެއް ކަމަށްވާ ސްލޭމް ސްޓޫޑިއޯ، ސެޓަރން ސްޓޫޑިއޯ، ނޫރު އެން މޫވީސް އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ އުފެއްދުމެކެވެ. ދިވެހި ފިލްމީ ސިނާއަތަށް އިންގިލާބީ ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވި ކުޅަދާނަ ޕްރޮޑިއުސަރު އަސްލަމް ރަޝީދު ޕްރޮޑިއުސްކުރާ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންނަކީ ޙުސައިން ނޫރައްދީން، ޢަލީ ޝަނީޒް އަދި ޙުސައިން މުނައްވަރު (ކިޑު) އެވެ.
Ads by BMLމިއަހަރުގެ ކުރީކޮޅު ޝޫޓިންގ އެއްކޮށް ނިންމާލާފައިވާ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ބެލުންތެރިންނަށް ދައްކާލުމާއެކު، ސޯޝަލް މީޑިއާގައި ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. ފިލްމުގެ ޓީމުން ބުނި ގޮތުގައި، މި ފިލްމު ވެގެންދާނީ އާއިލީ ގުޅުންތަކާއި ލޯބީގެ މައްޗަށް ބިނާކޮށް، ބެލުންތެރިންގެ ހިތްތައް ރޮއްވާލާނެ ފަދަ ވަރުގަދަ އިހުސާސްތަކެއް ގެނެސްދޭނެ ފިލްމަކަށެވެ. އެގޮތުން، މޫސަގެ އަސަރުގަދަ އެކްޓިންގ އަލުން ބޮޑު ސްކްރީނުން ބަލާލުމަށް އާންމުން މިހާރުވެސް ދަނީ ކެތްމަދުވަމުންނެވެ. އަދި ފިލްމުގެ ޓިކެޓު ވިއްކުމުގެ އިންތިޒާމުތައް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށްވެސް އެ ފަރާތުން މައުލޫމާތު ދެއެވެ.
Ads by MACL
