ހައްޖުކިއުގައި 3 އަހަރުވެފައިވާ އުމުރުން 70 އަހަރުން މަތީގެ ފަރާތްތަކަށް މިއަހަރު ފުރުސަތުދެނީ!
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ހައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރު ވެފައިވާ، އުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ އަދަދަށް ބަލާއިރު، ހައްޖު ކިއުގައި ދޮށީ އުމުރުގެ ގިނަ އަދަދެއްގެ މީހުން ތިބުމާއެކު، ފައިސާ ދައްކައިގެން ދިގު މުއްދަތަކަށް އިންތިޒާރުކުރަން ޖެހި، ހައްޖުވުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން އޮތުމުންނެވެ. އެހެންކަމުން ވީހާވެސް ގިނަ ދޮށީ އުމުރުގެ ބޭފުޅުންނަށް ފަރުޟު ހައްޖު އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ މި ބަދަލުގެ މައިގަނޑު މަގުސަދެވެ.
މިކަމުގެ ތަފްސީލު ހާމަކުރައްވަމުން އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ډިރެކްޓަރ މުހައްމަދު ފިރުޒުލް އަބްދުالله ޚަލީލް ވިދާޅުވީ، މި އުސޫލު ތަންފީޒުކުރާނީ އެންމެންނަށް ހަމަހަމަކަމާއެކު، އުމުރަށާއި ކިއުއިން ޖާގަ ލިބުނު ތާރީޚަށް ބަލައިގެން މައުޟޫއީ މިންގަނޑަކުން ކަމަށެވެ. މީގެ ސަބަބުން ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފި، ދުވަސްވީ މީހުންނަށް އަވަހަށް ފުރުސަތު ލިބިގެންދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
Ads by BMLއައު އުސޫލުގެ ދަށުން ހައްޖު ކިއުގައި ތިބޭތާ 3 އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ 31 ޑިސެންބަރު 2023 ގެ ނިޔަލަށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކެވެ. އަދި 70 އަހަރުން މަތީގެ އުމުރުފުރާ ކަމުގައި ބަލާނީ 31 ޑިސެންބަރު 2026 ގެ ނިޔަލަށް 70 އަހަރު ފުރިފައިވާ ފަރާތްތަކެވެ. މި އުސޫލުގެ ދަށުން 70 އަހަރުން މަތީގެ ޖުމްލަ 324 މީހުންނަށް 1448 ވަނަ އަހަރު ފުރުސަތު ލިބޭނެއެވެ. އޭގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހަކު ހިމެނެއެވެ.
މި އުސޫލު ތަންފީޒުކުރި ނަމަވެސް، 1448 ވަނަ އަހަރު ހައްޖަށް ދެވޭނެކަމަށް ކުރިން އަންދާޒާކޮށްފައިވާ 65 އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންނަށް ފުރުސަތު ލަސްނުވާނެހެން، އެ އުމުރުފުރާގެ މީހުންނަށް ވެސް ކިޔޫގައި އިސްކަންދެވޭނެއެވެ. އަދި އެފަދަ ފަރާތްތަކާއެކު ދިއުމަށް ފައިސާ ދައްކާފައިވާ އަދި އެ އަހަރު ހައްޖަށް ދެވޭނެކަމަށް އަންދާޒާކުރެވޭ އާއިލާގެ އެއް މެންބަރަކަށް އެކުގައި ދިއުމުގެ ފުރުސަތު ނުގެއްލޭނެ ގޮތަށް އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
މި އުސޫލުން ފުރުސަތު ލިބޭ ހުރިހާ ފަރާތްތަކަކީ ވެސް މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، ހަމައެކަނި ފަރުޟު ހައްޖު އަދާކުރާ ފަރާތްތަކަށް ވާންޖެހޭނެއެވެ. މި ބަދަލުގެ ސަބަބުން 65 އަހަރުން ދަށުގެ ބައެއް ފަރާތްތަކަށް އަހަރެއްހާ ދުވަހުގެ ލަސްވުމެއް އައި ނަމަވެސް، މިއީ ދޮށީ އުމުރުގެ އެތައް ރައްޔިތުންނަކަށް ލިބުނު ބޮޑު އުންމީދެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ހައްޖު ކިއުގެ ނިސްބަތް ޒުވާން އުމުރުފުރާތަކަށް ބަދަލުވެ، ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު އަވަސްވެގެންދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
Ads by MACL
