އަލަށް އެކުލަވާލި ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
ޤާނޫނު ނަންބަރު 16/2026 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާ ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލް ގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ދާދިފަހުން ޢަމަލުކުރަން ފެށި، އައު އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ހަރުދަނާކަމާއެކު ތަންފީޒުކުރުމާ ގުޅޭގޮތުންނެވެ.
މިގޮތުން މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދަތުރުފަތުރުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ކައުންސިލްގެ މެންބަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވެއެވެ.
Ads by BMLމި އައު ޤާނޫނުގެ ދަށުން އެކުލަވާލެވުނު ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލަކީ ރާއްޖޭގެ މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށާއި، ޓްރެފިކް ނިޒާމު ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ކައުންސިލެކެވެ.
Ads by MACL
