ގައުމީ ފުޓްސަލް ޓީމު ޗައިނާގެ މުބާރާތަކަށް!
ކުރިއަށް އޮތް ނޮވެމްބަރު މަހު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ފުޓްސަލް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް ލިބިއްޖެއެވެ.
"ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް ޓޫރްނަމެންޓް" ގެ ނަމުގައި ކުރިއަށްދާ މި މުބާރާތް އޮންނާނީ 2026 ނޮވެމްބަރު 4 އިން 9 އަށް ޗައިނާގެ ޔިންޗުއާންގައެވެ. މިއީ ދައުވަތު ދީގެން ހަތަރު ގައުމެއްގެ މެދުގައި ބާއްވާ އިންވިޓޭޝަނަލް މުބާރާތެކެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޗައިނާ، ސައުތު ކޮރެއާ، އަދި ހޮންކޮންގް އެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރައުންޑް ރޮބިން (ލީގު ބުރެއް) އުސޫލުންނެވެ.
Ads by BMLމި އުސޫލުގެ ދަށުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް ފަހަރު ބައްދަލުކުރާނެއެވެ. އަދި ލީގު ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުތައް ނޮވެމްބަރު 4 ގައި ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް، ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗު އޮންނާނީ ނޮވެމްބަރު 5 ގައެވެ.
މިއީ މި އަހަރުގެ ޖެނުއަރީ މަހު ބޭއްވުނު ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ކާމިޔާބުކޮށް، ބައިނަލްއަގުވާމީ މައިދާނުގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް ލިބޭނެ ވަރަށް މުހިންމު އަދި ވަރުގަދަ ތަޖުރިބާއެކެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުންތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
Ads by MACL
