ފޯބްސްގެ ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބީއެމްއެލް ތާރީޚީ ޖާގައެއް ހޯދައިފި
މާލީ ދާއިރާގައި ދުނިޔޭގެ މަޝްހޫރު މަޖައްލާ 'ފޯބްސް' އިން އެކުލަވާލި ދުނިޔޭގެ އެންމެ ކާމިޔާބު އަދި ހިންގުންތެރި ބޭންކުތަކުގެ ރޭންކިންއިން ޖާގަ ހޯދައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ބޭންކިން ދާއިރާގައި އާ ތާރީޚެއް އަލުން ލިޔެފިއެވެ. މިއީ ދުނިޔޭގެ ފެންވަރުގައި އެކުލަވާލި މިފަދަ މިނިވަން ލިސްޓެއްގައި ދިވެހިރާއްޖޭގެ މާލީ އިދާރާއަކުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
'ސްޓެޓިސްޓާ' އާއި ފޯބްސް ގުޅިގެން ނެރުނު 'ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026' ގެ ފުރަތަމަ އެޑިޝަންގައި ދުނިޔޭގެ 89 ގައުމަކުން 500 ބޭންކެއް ހިމަނާފައިވެއެވެ. މި ރޭންކިންގައި ބޭންކުތަކުގެ މާލީ ދުޅަހެޔޮކަން ވަޒަންކޮށްފައިވަނީ ފައިދާ ލިބޭ މިންވަރާއި، އާމްދަނީގެ ކުރިއެރުމާއި، ރައުސްމާލުގެ ވަރުގަދަކަމުގެ އިތުރުން އެސެޓްތަކުގެ ފެންވަރާއި ހިންގުންތެރިކަމުގެ މިންގަނޑުތަކަށް ބަލައިގެންނެވެ.
އެސް އެންޑް ޕީ ކެޕިޓަލް އައިކިއު ފަދަ އިތުބާރު ހުރި މާލީ އިދާރާތަކުގެ މައުލޫމާތާއި އާންމު މާލީ ރިޕޯޓުތަކަށް ރިއާޔަތްކޮށް އެކުލަވާލި މި ލިސްޓުގެ ހަ ގިންތީގެ ތެރެއިން ބީއެމްއެލް ހިމެނިފައިވަނީ 3 ބިލިއަން އާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި އިދާރާތައް ހިމެނޭ ހަވަނަ ޓިއާގައެވެ. މި ގިންތީގައި ބީއެމްއެލްގެ ނަތީޖާ ވަޒަންކޮށްފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހުރި އެއާ އެއްފެންވަރެއްގެ ބޭންކުތަކާ އަޅާބަލައިގެންނެވެ.
Ads by BMLމި ކާމިޔާބީއާ ގުޅިގެން ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، ދުނިޔޭގެ ބޭންކިން މާހައުލަށް އަންނަ ބަދަލުތަކާއެކުވެސް އެ ބޭންކުގެ މާލީ ނަތީޖާ ވަރުގަދަކޮށް ހިފެހެއްޓިފައިވަނީ ހަރުދަނާ ރިސްކް މެނޭޖްމަންޓާއި ލޯނު ދޫކުރުމުގެ އުސޫލުތަކުގެ ސަބަބުންނެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކަށް މަގުފަހިކޮށްދީ، ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް ކުރާ އިންވެސްޓްމަންޓްތަކަށް މިކަމުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ބީއެމްއެލްއަކީ ވަރުގަދަ ރައުސްމާލެއް އޮތް އަދި ހަރުދަނާ ހިންގުމެއްގެ މައްޗަށް ބިނާވެފައިވާ މުއައްސަސާއެއްކަން ބައިނަލްއަގުވާމީ ފެންވަރުގައި ސާބިތުވެގެންދިޔަ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކަސްޓަމަރުންނާއި ހިއްސާދާރުންގެ އިތުބާރު ދަމަހައްޓައި، ގައުމީ އިގްތިސާދުގެ ކުރިއެރުމަށް އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އުފުލުމުގައި ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by MACL
