ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގދ. އަތޮޅަށް އާ ދިރުމެއް: "ނީލާ ކޮރަލް" ރަސްމީކޮށް ހުޅުވައިފި!

 ގދ. އަތޮޅު ކޮޑޭގަލާގައި ތަރައްގީކޮށްފައިވާ "ނިލާ ކޮރަލް އައިލެންޑް / ފޮޓޯ:M283 Arabia
ގދ. އަތޮޅު ކޮޑޭގަލާގައި ތަރައްގީކޮށްފައިވާ "ނިލާ ކޮރަލް އައިލެންޑް / ފޮޓޯ:M283 Arabia

ގާފު ދާލު އަތޮޅުގެ ކޮއްޑޭގަލުގައި އަލަށް ތަރައްގީކުރި ލަގްޒަރީ ރިސޯޓެއް ކަމަށްވާ "ނީލާ ކޮރަލް އައިލެންޑް މޯލްޑިވްސް" ރަސްމީކޮށް ހުޅުވައި، ބުކިންގްސްއަށް ހުޅުވާލައިފިއެވެ. މިއީ އެ އަތޮޅުގައި ހުޅުވި ތިންވަނަ ރިސޯޓެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ހާމަކުރެއްވި ގޮތުގައި، މި ރިސޯޓު ހުޅުވުމާއެކު ގާފު ދާލު އަތޮޅުގެ ރައްޔިތުންނަށް ވަޒީފާގެ އާ ފުރުސަތުތަކާއި ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން އަތޮޅުގެ ރައްޔިތުންނަށް އަމިއްލަ ރަށާ ކައިރިން ފަތުރުވެރިކަމުގެ ހަގީގީ މަންފާ ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، "ވިޒިޓް މޯލްޑިވްސް އިޔަރ 2027" އަށް ރާއްޖެއިން ތައްޔާރުވަމުން އަންނައިރު، އަލަށް ހުޅުވޭ މިފަދަ ކޮންމެ ރިސޯޓަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ލިބޭ ބޮޑު ބާރެކެވެ. އަދި މީގެ ސަބަބުން ފަތުރުވެރިކަމުގެ އިގްތިސާދީ ފައިދާ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެންދާނެއެވެ.

ނީލާ ކޮރަލް އައިލެންޑް މޯލްޑިވްސް އަކީ އެއްފަހަރާ 40 މެހެމާނުންނަށް ހިދުމަތް ދެވޭ ގޮތަށް، ވަރަށް ޕްރައިވެޓްކޮށް ފަރުމާކޮށްފައިވާ ރިސޯޓެކެވެ. މި ރިސޯޓުގައި ކަނޑުގެ ހިތްގައިމު މަންޒަރުތައް ފެންނަން ހުންނަ ގޮތަށް ހަދާފައިވާ 7 ވިލާ ހިމެނެއެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ ވިލާތަކާއި، ތިން ކޮޓަރީގެ ވިލާތަކުގެ އިތުރުން ފަސް ކޮޓަރީގެ ޕްރީމިއަމް ވިލާއެއް ހިމެނެއެވެ.

މާވަރުލު އެއާޕޯޓުން ފުރައިގެން ލޯންޗެއްގައި އެންމެ 15 މިނެޓުން ދެވޭ މި ރިސޯޓަށް މިހާރު ވަނީ ބުކިންގް ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. ގާފު ދާލު އަތޮޅުގައި މިހާރު ހިންގަމުންދާ އަނެއް ދެ ރިސޯޓަކީ އަޔާދާ މޯލްޑިވްސް އާއި އެންއެޗް ކަލެކްޝަން މޯލްޑިވްސް ހާވޮއްޑާ ރިސޯޓެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގައި މިހާރު ޖުމްލަ 180 ރިސޯޓު ހިންގަމުންދާއިރު، މިއީ ޖުމްލަ 45,171 އެނދެވެ. އަދި މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1.6 މިލިއަން ފަތުރުވެރިންގެ ތެރެއިން 1.2 މިލިއަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.