އޮޑިޓް އޮފީހުގެ އައު އިމާރާތް އަންނަ އަހަރަށް ނިމޭނެ
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ އެ އޮފީހުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (MTCC) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް ލަސްވާތީ ކޮމިޓީގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
Ads by BMLއެކަމާ ގުޅިގެން ނިޔާޒީ ވިދާޅުވީ، ދައުލަތުގެ ކޭޝްފްލޯ ހުރިގޮތުން އިމާރާތްކުރުމުގެ ދާއިރާގެ ބައެއް މަޝްރޫއުތަކަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް، އައު އިމާރާތުގެ މަސައްކަތް މަޑުނުޖެހި ކުރިއަށްދާ ކަމަށެވެ. އަދި މިހާތަނަށް މުޅި މަޝްރޫއުގެ %50 މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަ ފަންގިފިލާއަށް، 23.1 މީޓަރުގެ އުސްމިނުގައި ބިނާކުރާ މި އިމާރާތަކީ 138.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މީގެ ތެރެއިން މިހާތަނަށް 74.5 މިލިއަން ރުފިޔާ އެމްޓީސީސީއަށް ދައްކާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތުދެއެވެ.
އޮޑިޓަރ ޖެނެރަލް އިތުރަށް ވިދާޅުވީ، މިހާރު އެ އޮފީސް ހިންގަމުންދަނީ ކުއްޔަށް ހިފާފައިވާ އިމާރާތެއްގައި ކަމަށްވުމުން، އައު އިމާރާތަށް ބަދަލުވުމާއެކު ބަޖެޓުން ކުލީގެ ހޭދަ އުނިކުރެވޭނެ ކަމަށެވެ. އަދި އައު އިމާރާތަށް ބަދަލުވާތާ 10 ނުވަތަ 12 އަހަރުގެ ތެރޭގައި ކުއްޔަށް ކުރާ ހޭދަ އެއްކޮށް ސަލާމަތް ކުރެވޭނެ ކަމަށްވެސް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
Ads by MACL
