ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިބޫގެ ވެރިކަމުގައި މާފުށީ ޖަލުން ނުކުރާ މަސައްކަތަކަށް 2.9 މިލިއަން ރުފިޔާ ދޫކުރި: އޮޑިޓް

އިބޫގެ ވެރިކަމުގައި މާފުށީ ޖަލުން ނުކުރާ މަސައްކަތަކަށް 2.9 މިލިއަން ރުފިޔާ ދޫކުރި: އޮޑިޓް

މާފުށީ ޖަލުގައި 50 ގޮޅީގެ ހައި ސެކިއުރިޓީ އިމާރާތެއް އަޅަން ކަމަށް ބުނެ ނުކުރާ މަސައްކަތަކަށް 2.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން، ސެޓެލައިޓް ފޮޓޯތަކަށް ހަވާލާދީ އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި، އައްޝައިޚް ޢިމްރާން ޢަބްދުالله ހޯމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ހިންގި މި މަޝްރޫޢުގައި، އިމާރާތެއް ތަޅާލައި ސައިޓް ސާފުކުރުމުގެ ނަމުގައި ބީއޯކިއުގައި ހިމަނައިގެން 2,920,082 (ދެ މިލިއަން ނުވަސަތޭކަ ވިހިހާސް އަށްޑިހަ ދެ) ރުފިޔާ ވަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ) އަށް ދޫކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ޕޮލްކޯއާ ޙަވާލުކުރުމުގެ ކުރިން 2022 ޖަނަވަރީ 20 ގައި ގޫގުލް އާތުން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން އެ ސަރަޙައްދުގައި އެއްވެސް އިމާރާތެއް ނެތްކަން އެނގޭތީ، މިއީ ނުކުރާ މަސައްކަތަކަށް ދީފައިވާ ފައިސާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އަވަހަށް މަސައްކަތް ނިންމުމުގެ ބޭނުމުގައި ކަމަށް ބުނެ، މާފުށީ ޖަލުގައި 50 ގޮޅީގެ ހައި ސެކިއުރިޓީ ވިންގަކާއި، އިތުރު 18 ގޮޅި އަދި ސެކިއުރިޓީ ޕޯސްޓެއް ހެދުމުގެ މުޅި މަޝްރޫޢު ބިޑްކުރުމަކާ ނުލައި 45 މިލިއަން ރުފިޔާއަށް ޙަވާލުކުރީ ޕޮލްކޯއާއެވެ. ނަމަވެސް، ޕޮލްކޯއިން ވަނީ އުޞޫލާ ޚިލާފަށް ބިޑްކުރުމެއް ނެތި "ވީ އަވަރ އިންވެސްޓްމަންޓް" ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށް މި މަސައްކަތް މުޅިން ސަބްކޮންޓްރެކްޓް ކޮށްފައެވެ.

މި މަޝްރޫޢުގެ ޢަމަލީ ހުރިހާ މަސައްކަތެއް ކުރި ވީ އަވަރ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން، 18 ގޮޅީގެ މަސައްކަތް ނިންމުމަށްފަހު 50 ގޮޅީގެ މަސައްކަތް ނުނިންމައި 2024 ވަނަ އަހަރު ވަނީ މަސައްކަތް މުޅިން ހުއްޓާލާފައެވެ.