ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަފީރަކު ވަކިކުރީ ސިޔާސީ ފިއްތުމަކުން ނޫން އެއީ ގާނޫނީ އުސޫލުން ކުރި ކަމެއް: ފޮރިން މިނިސްޓްރީ

ސަފީރަކު ވަކިކުރީ ސިޔާސީ ފިއްތުމަކުން ނޫން އެއީ ގާނޫނީ އުސޫލުން ކުރި ކަމެއް: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ސަފީރަކު މަގާމުން ވަކިކުރީ ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރަން އަންގައި އެކަމަށް އިންކާރުކުރުމުން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، އެއީ ގާނޫނީ އިޚްތިޔާރުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ސަފީރުން މަގާމަށް އައްޔަނުކުރުމާއި ވަކިކުރުމުގެ އެންމެހައި ކަންކަން ހިނގަނީ ދިވެހިރާއްޖޭގެ ފޮރިން ސާވިސް ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

މީޑިއާތަކުގައި އިޝާރާތްކޮށްފައިވާ ސަފީރާ ގުޅޭގޮތުން އެ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، އެ ބޭފުޅާއަކީ 3 ޖެނުއަރީ 2024 އިން ފެށިގެން ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އެމްބެސެޑަރ އެޓް ލާޖްގެ ސިޔާސީ މަގާމު ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. އަދި ސަފީރެއްގެ މަގާމަށް އެ ބޭފުޅާ ހަމަޖެއްސެވީ 30 އޮކްޓޯބަރު 2024 ގައެވެ.

ފޮރިން ސާވިސްގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑު ނުވަތަ ކޯޑް އޮފް ކޮންޑަކްޓް ބުނާ ގޮތުން ސިޔާސީ ޕާޓީތަކުގެ މެންބަރެއްގެ ގޮތުގައި ތިބުން މަނާކުރާކަން ފާހަގަކޮށް، އެފަދަ މުވައްޒަފުން ގާނޫނާ ގުޅޭގޮތުން ނޫން ގޮތަކަށް ސިޔާސީ ޕާޓީއަކަށް ވަނުމަށް ސަރުކާރުން އެއްވެސް މަޖުބޫރުކަމެއް ކޮށްފައި ނުވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އެހެންކަމުން ޚާރިޖީ ވުޒާރާއާއި އެ ވުޒާރާގެ މުވައްޒަފުންނާ ގުޅުވައިގެން ސާބިތުނުވާ އަދި ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް އެ މުއައްސަސާއިން ވަނީ އިލްތިމާސްކޮށްފައެވެ.