ނުހެދި ހުރި 161 ރިސޯޓުގެ މައްސަލައަށް ދާއިމީ ހައްލެއް!
ރާއްޖޭގެ އެކި ސަރުކާރުތަކުން ފަތުރުވެރިކަން ފުޅާކުރުމަށް ރިސޯޓު ތަރައްޤީކުރަން ދޫކޮށްފައިވާ، ނަމަވެސް ނުހެދި ގިނަދުވަސް ވެފައިވާ 161 ރަށާއި ފަޅުގެ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް މި ހަފުތާގެ ތެރޭގައި ސަރުކާރުން ފަށާނެކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގުޅިގެން ބޭއްވި "އަހާ" ފޯރަމުގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، މިއީ ރާއްޖޭގައި ޒަމާންވެފައި އޮތް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިހާރު ޑިސްޓްރެސް (ނުހެދި ބުރޫއަރާފައިވާ) ހާލަތުގައި ހުރި ތަންތަނުގެ ތެރޭގައި 10 އަހަރާއި 25 އަހަރާ ދެމެދުގެ ދިގު މުއްދަތެއް ވެފައިވާ ތަންތަން ހިމެނޭ ކަމަށް އެ ބޭފުޅާ ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މީގެ ކުރީގެ ސަރުކާރުތަކުން އެކި ދައުރުތަކުގައި ކޮންސްޓްރަކްޝަން މުއްދަތު (އިމާރާތްކުރުމުގެ މުއްދަތު) އިތުރުކޮށްދެމުން ދިއުމުގެ ސަބަބުން، އެއްބަސްވުންތައް ބާތިލުކުރެވޭނެ ގާނޫނީ އުސޫލެއް ނެތި ދައުލަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން ދައުލަތަށް ލިބެންޖެހޭ ލޭންޑް ރެންޓް (ބިމުގެ ކުލި) ޝެޑިއުލް ކުރެވިގެން ގޮސް، ޖުމްލަ 500 އާއި 600 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ނުލިބި ހުރިކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
Ads by BMLމި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިދިޔަ މަހުގެ 10 ވަނަ ދުވަހު ވަނީ "ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކޮށް ނުނިމި ހުރި ތަންތަނާއި ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރާ ތަންތަން ތަރައްޤީ ކުރުމަށް އިތުރު މުއްދަތު ދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގެޒެޓްކޮށްފައެވެ.
މި titl ޤަވާއިދުގެ ދަށުން ނުހެދި ހުރި ތަންތަން 4 ކެޓަގަރީއަކަށް ބަހާލައި، އެއްބަސްވުންތައް ބާތިލުކުރެވޭނެ (ޓާމިނޭޓް ކުރެވޭނެ) ޕްރޮސެސްއެއް ވަނީ އެކުލަވާލާފައެވެ. މިއީ ރައްޔިތުންނާއި ދައުލަތުގެ ހައްގުގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި މުހިންމު ނިންމެވުމެއް ކަމަށާއި، މި ހަފުތާގެ ތެރޭގައި މި ޤަވާއިދުގެ ދަށުން ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު ރާއްޖޭގައި 180 ރިސޯޓު އޮޕަރޭޓް ކުރަމުންދާއިރު، މި ތަންތަނުގެ ޖުމްލަ ކެޕޭސިޓީ އުޅެނީ 45,000 އެނދަށްވުރެ މަތީގައެވެ. ނުހެދި ހުރި ރަށްތައް ހުޅުވުމުން ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެގެންދާނެއެވެ.
Ads by MACL
