ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިސްރާއީލާ ގުޅުންހުރި އެއްވެސް ފަރާތަކަށް ރަސްމާލެއިން ބިން މިލް ކުރެވޭނެ ފުރުސަތެއް ނެތް: މުއްތަލިބް

އިސްރާއީލާ ގުޅުންހުރި އެއްވެސް ފަރާތަކަށް ރަސްމާލެއިން ބިން މިލް ކުރެވޭނެ ފުރުސަތެއް ނެތް: މުއްތަލިބް

ރަސްމާލެ މަޝްރޫއުގެ ދަށުން ބިން އެއްކޮށް މިލްކުކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި، އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި އެއްވެސް ފަރާތަކަށް އެ ސަރަހައްދުން ޕްރޮޕަޓީ ނުގަނެވޭނެ ގޮތަށް ގާނޫނީ އޮނިގަނޑު ބައްޓަންކުރައްވާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ލިންކްޑްއިންގައި އާންމުކުރެއްވި ބަޔާނެއްގައި ވަޒީރު މުއްތަލިބް ފާހަގަކުރެއްވީ، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ގެންގުޅޭ ހާރިޖީ އުސޫލުތަކަށް އެއްވެސް އުނިއުނަކަމެއް ނާންނާނެ ގޮތަށް ރަސްމާލެ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި އެ ތަނުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ކަނޑައެޅޭ ހަރުދަނާ އުސޫލުތަކެއްގެ ދަށުން، ހުއްދަދެވޭ ފަރާތްތަކަށް ވަކި މުއްދަތަކަށް ކުއްޔަށް (ލީސް) ދީގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ޕްރޮޕަޓީ ގަންނަ ފަރާތްތަކުގެ އިތުރުން ހިއްސާދާރުންނާއި، ފައިނޭންސްކުރާ ފަރާތްތަކާއި ސޭލްސް އޭޖެންޓުންގެ ތެރޭގައިވެސް އިސްރާއީލާ ގުޅުންހުރި އެއްވެސް ފަރާތެއް ނުހިމެނޭކަން ސަރުކާރުން ކަށަވަރުކުރާނެއެވެ. އެގޮތުން ޕްރޮޕަޓީ ގަންނަ ކޮންމެ މީހެއްގެ މިހާރުގެ އަދި ކުރީގެ ރައްޔިތުކަމުގެ މައުލޫމާތު ހާމަކުރުން ލާޒިމުކުރެވޭނެ ކަމަށާއި، ސައްހަ ނޫން މައުލޫމާތެއް ދީފިނަމަ އެއްބަސްވުން ބާތިލުކޮށް، ދައްކާފައިވާ ފައިސާއާއި ޕްރޮޕަޓީ ދައުލަތަށް ނެގޭނެ ގޮތަށް ގަވާއިދުތައް ހެދޭނެއެވެ.

ވަކި ގައުމަކަށް ނިސްބަތްވާ ފަރާތްތަކަށް ނުވަތަ ވަކިވަކި ފަރުދުންނަށް ޕްރޮޕަޓީ ދޫކުރެވޭނެ މިންވަރު ކޮންޓްރޯލްކުރުމަށްޓަކައި ގައުމިއްޔަތު ކަށަވަރުކުރުމުގެ ނިޒާމެއް ގާއިމުކުރެވޭނެކަން ހާމަކުރައްވަމުން ވަޒީރު ވަނީ، ދިވެހި ރައްޔިތުންނަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން މަޝްރޫއުގެ ކޮންމެ ފިޔަވައްސެއްގައިވެސް ދިވެހި ރުފިޔާއިން ޕްރޮޕަޓީ ގަނެވޭނެ މަގު ފަހިކޮށްދެވޭނެ ކަމަށާއި، ބިދޭސީންނަށް ކަނޑައަޅާ އެއްވެސް ލިމިޓެއް ދިވެހިންގެ މައްޗަށް ނުހިނގާނެ ކަމަށް ވިދާޅުވިއެވެ.

އީގަލް ހިލްސްއިން ރަސްމާލޭގެ 500 ހެކްޓަރުގެ ސަރަހައްދުގައި ކުރިއަށްގެންދާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއަކީ 20 ބިލިއަން އެމެރިކާ ޑޮލަރުގެ ސީދާ އިންވެސްޓްމަންޓަކާއެކު ފެށި، ޖުމްލަ 30 ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެނުވައިދޭނެ ބިޔަ މަޝްރޫއެކެވެ. މުޅި މަޝްރޫއު ހިންގޭނީ ދިވެހިރާއްޖޭގެ ގާނޫނީ އިމުގެ ތެރޭގައި ކަމަށާއި، ވިސާ ދިނުމުގެ ފުރިހަމަ ބާރު ސަރުކާރަށް އޮންނައިރު، ބޭރުގެ އެއްވެސް ފަރާތަކަށް ދާއިމީ ރަށްވެހިކަން ނުވަތަ ދިވެހި ރައްޔިތުކަން ލިބުމުގެ ފުރުސަތެއް ނޯންނާނެއެވެ.