ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތާރީޚީ ބޮޑު މައުރަޒު: އެގްޒިބިޓަރުން 780 އަށް، އުފެއްދުންތައް ދެގުނަ!

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު / ފޮޓޯ ކުރެޑިޓް: ބީސީސީ (BCC)
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު / ފޮޓޯ ކުރެޑިޓް: ބީސީސީ (BCC)

އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ވެގެންދާނީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ބޭއްވޭ އެންމެ ބޮޑު މައުރަޒަށް ކަމަށާއި، މި މައުރަޒު ހުރިހާ ގޮތަކުންވެސް ތަފާތުވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ނިމިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މައުރަޒު ހުރިހާ ގޮތަކުންވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ މައުރަޒުގައި ބައިވެރިވި މީހުންގެ ނިސްބަތް %225 އިތުރުވެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އިޤްތިޞާދީ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25އިން އަންނަ މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށެވެ.

އެގްޒިބިޓަރުންނާއި އުފެއްދުންތަކުގެ އަދަދު ދެގުނަވުން
މިދިޔަ އަހަރުގެ މައުރަޒުގައި 240 އެގްޒިބިޓަރުން ބައިވެރިވިނަމަަވެސް، މިއަހަރުގެ މައުރަޒުގައި 780 އެގްޒިބިޓަރުން ބައިވެރިވެ އެމީހުންގެ އުފެއްދުންތައް ދައްކާލާނެއެވެ. މީގެ އިތުރުން މައުރަޒުގައި އެގްޒިބިޓްކުރާ ތަކެތީގެ އަދަދުވެސް ވަނީ ދެގުނަވެފައެވެ. މިދިޔަ އަހަރު 2,400 އައިޓަމް ބައިވެރިކޮށްފައިވާއިރު، މިއަހަރުގެ މައުރަޒުން 4,800 އައިޓަމް ފެނިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ވިޔަފާރިތަކާއެކު އާ ޑިސްޓްރިކްޓްތަކެއް
މިއަހަރުގެ މައުރަޒުން ޖުމްލަ 7 ޑިސްޓްރިކްޓެއް ފެނިގެންދާނެއެވެ. މިއީ މިދިޔަ އަހަރަށްވުރެ 2 ޑިސްޓްރިކްޓް އިތުރު އަދަދެކެވެ. މިއަހަރު އަލަށް އިތުރުކުރި ދެ ޑިސްޓްރިކްޓަކީ
ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް: މި ޑިސްޓްރިކްޓުގައި ވަރަށް ވާދަވެރިކަމާއެކު 10 ރަށަކުން ބައިވެރިވެފައިވެއެވެ.
އިންޓަނޭޝަނަލް ޑިސްޓްރިކްޓް: މި ޑިސްޓްރިކްޓުގައި ޗައިނާގެ 15 ވިޔަފާރިއަކުން ބައިވެރިވެ، ކުދި ވިޔާފާރިތަކަށް ތަފާތު އީޖާދުތައް ތައާރަފްކޮށްދޭނެއެވެ. އަދި އިންޑިއާގެ 15 ފަރާތަކުން ބައިވެރިވާއިރު، ޔޫއޭއީގެ ބައެއް ފަރާތްތައް ބައިވެރިކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، މިދިޔަ އަހަރު 10 ދުވަހުގެ މުއްދަތަށް ބޭއްވި މައުރަޒަށް ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 80,000 އަށްވުރެ ގިނަ މީހުން ޒިޔާރާތްކުރި ކަމަށެވެ. އަދި މިއަހަރުގެ އުންމީދަކީ މައުރަޒަށް ޒިޔާރާތްކުރާ މީހުންގެ އަދަދުވެސް ދެގުނަވެގެންދިއުން ކަމަށް ވަޒީރު ވިދާޅުވިއެވެ.