ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީންގެ 4 ވަނަ ބެޗް 351 ދަރިވަރުންނާއެކު ފުރައިފި

ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނު ޕްރޮގްރާމް / ފޮޓޯ: އެމްއެންޑީއެފް
ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނު ޕްރޮގްރާމް / ފޮޓޯ: އެމްއެންޑީއެފް

ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މަޤުޞާދުގައި ސަރުކާރުން ކުރިއަށްގެންދާ ދިވެހި ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނު ޕްރޮގްރާމްގެ ހަތަރުވަނަ ބެޗްގެ ދަރިވަރުން ތަމްރީންތަކަށް މިއަދު ފުރައިފިއެވެ.

ޅ. މާފިލާފުށީގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި 14 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ބެޗުގައި ޖުމްލަ 351 ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 287 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނެވެ. ރާއްޖޭގެ 20 އަތޮޅެއްގެ 126 ރަށަކަށް ނިސްބަތްވާ، އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުން މި ބެޗުގައި ހިމެނެއެވެ.

ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގއަކީ ދިވެހި ވަޠަނީ ޚިދުމަތާ އަލަށް ގުޅޭ މެންބަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނެކެވެ. މި ތަމްރީނުގެ މައިގަނޑު ބޭނުމަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަދި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ. ދެމެހެއްޓެނިވި ގޮތެއްގައި މި ހަރަކާތް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ޒުވާނުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއްދޭ އެއް ކަންތަކެވެ.

14 ހަފްތާގެ މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް އަންނަނިވި ދާއިރާތަކުން ތަމްރީނު ދެވޭނެއެވެ:
• ދިވެހި ޤައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަން
• ދީނީ ތަރުބިއްޔަތު، އަޚްލާޤު އަދި ސުލޫކު
• ލީޑަރޝިޕް އަދި ހަށިހެޔޮކަން
• ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ތަފާތު ދާއިރާތައް

މި ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ދަރިވަރަކަށް "ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ" ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބޭނެއެވެ. މީގެ އިތުރުން، ސިވިކް އެޑިއުކޭޝަން އެންޑް ލީޑަޝިޕް، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް، އަދި ޕިއަރ އެޑިއުކޭޝަން ޓްރޭނިންގ ސެޓްފިކެޓް ވެސް، އެ ބައިތައް ފުރިހަމަކުރާ ދަރިވަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިހާތަނަށް ވަޠަނީ ޚިދުމަތުގެ އަސާސީ ޓްރެއިނިންގގެ 3 ބެޗެއް ކާމިޔާބުކަމާއެކު ނިމިފައިވާއިރު، އެ ބެޗުތަކުން ޖުމްލަ 1,028 ޒުވާނުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.