ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ މީހުންނަށް ޑޮލަރު ދޫކުރަނީ ވަކި 6 ޤައުމަކަށް!

ފޮޓޯ: މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
ފޮޓޯ: މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް ބޭންކުތައް މެދުވެރިކޮށް ބޭރު ފައިސާ ވިއްކުމުގެ އުސޫލަށް މިއަދުން ފެށިގެން ބޮޑު ބަދަލެއް ގެނެސްފިއެވެ.

މި ބަދަލާއެކު، އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ މީހުންނަށް ވިއްކާ 1,000 އެމެރިކާ ޑޮލަރު ދޫކުރާނީ ކަނޑައެޅޭ ވަކި 6 ޤައުމަކަށް ދާ ފަރާތްތަކަށް އެކަނި ކަމަށް މަރުކަޒީ ބޭންކުން ވަނީ އިޢުލާންކޮށްފައެވެ.

އެމްއެމްއޭއިން ނެރުނު ރަސްމީ ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން، ބޭސްފަރުވާގެ ބޭނުމަށް ދޫކުރާ ބޭރު ފައިސާއަކީ ސީދާ އެ ކަމަށް ޚަރަދުކުރެވޭ ފައިސާކަން ކަށަވަރުކުރުމަށްޓަކައި ގެނައި މި ބަދަލުގެ ދަށުން 1,000 ޑޮލަރު ދޫކުރާނީ ހަމައެކަނި ތިރީގައިމިވާ 6 ޤައުމަށް ދާ ފަރާތްތަކަށެވެ:
1. އިންޑިއާ
2. ސްރީލަންކާ
3. ތައިލެންޑް
4. މެލޭޝިއާ
5. ސިންގަޕޫރު
6. ޔޫއޭއީ (ޔުނައިޓެޑް އަރަބް އެމިރޭޓްސް)

މީގެ ކުރިން އަމިއްލަ ބޭސްފަރުވާއަށްދާ ދިވެހިން ކޮންމެ ޤައުމަކަށް ދިޔަ ކަމުގައިވިޔަސް، ބަލިމީހާ ދައްކާ ހޮސްޕިޓަލުގެ އެޕޮއިންޓްމަންޓް ސިޓީއާއި ޑޮކްޓަރުގެ ލިޔެކިޔުންތައް ހުށަހެޅުމުން ބޭންކުތަކުން 1,000 ޑޮލަރު ދޫކުރަމުން އައެވެ.

ޑޮލަރު ވިއްކި ނިސްބަތް ތިން ގުނަ އިތުރުވެފައިވޭ

މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޭސްފަރުވާގެ ބޭނުންތަކަށް ފާއިތުވި މަހުގެ ނިޔަލަށް ޖުމްލަ 41.1 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ.

މީގެ ތެރެއިން އެންމެ ބޮޑު ނިސްބަތެއް ޚަރަދުވެފައިވަނީ އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަ މީހުންނަށެވެ. އެގޮތުން އަމިއްލަ ޚަރަދުގައި ދިޔަ ފަރާތްތަކަށް އެކަނިވެސް 29.2 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އާސަންދަ/އެންއެސްޕީއޭ މެދުވެރިކޮށްދާ މީހުންނަށް ބަދަލެއް ނެތް

އަމިއްލަ ޚަރަދުގައިދާ ފަރާތްތަކަށް ޑޮލަރު ވިއްކާ ޤައުމުތައް މަޙްދޫދު ކުރި ނަމަވެސް، ދައުލަތުގެ ބޭސްފަރުވާގެ ނިޒާމު (އާސަންދަ ނުވަތަ އެންއެސްޕީއޭ) ގެ އެހީގައި ރާއްޖެއިން ބޭރަށްދާ ބަލިމީހުންނަށް މިހާރުވެސް ލިބެމުންދާ އުސޫލުން 2,000 އެމެރިކާ ޑޮލަރު ލިބެމުންދާނެ ކަމުގެ ޔަގީންކަން އެމްއެމްއޭއިން ވަނީ ދީފައެވެ.

މި ބަދަލަކީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ފަރާތްތަކަށް ބޭންކުތަކުން ދޫކުރާ ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށާއި، ބޭރު ފައިސާގެ ބާޒާރު ހަމައަކަށް އެޅުވުމަށް ސަރުކާރާއި މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. ބޭންކް އޮފް މޯލްޑިވްސް BML Medical Dollar Request ޕޯޓަލް މެދުވެރިކޮށް މި ޚިދުމަތަށް އެދި ހުށަހެޅޭނެއެވެ.