މިފްކޯއިން މަސް ގަންނަ އަގުތައް އައު ރޭޓުތަކަކަށް ބަދަލުކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަޅުބިލަމަސް ގަންނަ އަގުތަކަށް މިއަދު ބަދަލު ގެނެސް، ދޯނިފަހަރުން ކިރުވާ މަހުގެ މިންވަރަށް ބަލައި ތިން ރޭޓެއްގައި މަސް ގަންނަން ފަށައިފިއެވެ. މި ގެނެވުނު ބަދަލާއެކު ދޯނިފަހަރުން ކިރުވާ މަހުގެ ނިސްބަތުން ލިބޭ އަގަށް ވަނީ ތަފާތުތަކެއް އައިސްފައެވެ.
މިފްކޯއިން އަލަށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، 1 ޓަނާއި 5 ޓަނާ ދެމެދުގެ އަދަދަކަށް މަސް ކިރުވާނަމަ ކިލޯއެއް ގަންނާނީ 21.00 ރުފިޔާއަށެވެ. އަދި 5 ޓަނާއި 8 ޓަނާ ދެމެދުގެ އަދަދަކަށް މަސް ކިރުވާނަމަ ކިލޯއެއް 22.00 ރުފިޔާއަށް ގަންނައިރު، 8 ޓަނަށްވުރެ އިތުރަށް މަސް ކިރުވާ ދޯނިފަހަރަށް ކިލޯއަކަށް 22.75 ރުފިޔާ ލިބޭނެއެވެ.
މި އައު ރޭޓުތަކުގައި މިއަދުން ފެށިގެން މިފްކޯގެ އެކި ސެންޓަރުތަކާއި ބޯޓުފަހަރުން ދަނީ މަސް ގަންނަމުންނެވެ. އޭގެ ތެރޭގައި ޅ. ފެލިވަރު ބަނދަރު، ގދ. ތިނަދޫ ބަނދަރު، ހއ. އިހަވަންދޫ ބަނދަރު، ލ. ހިތަދޫ ބަނދަރު އަދި މ. މުލަކު ބަނދަރު ހިމެނެއެވެ.
Ads by BMLމިފްކޯއިން ހާމަކުރި ގޮތުގައި މިއީ ބައިނަލްއަޤްވާމީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށޭނަ ހަމަ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާޢަތް ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެކެވެ.
މީގެއިތުރުން، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއެކުވެސް މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުކޮށް ހިފެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން އެ ކުންފުނީގެ މެނޭޖްމަންޓުން ވަނީ ދީފައެވެ.
Ads by MACL
