ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުއްގިރި މައްސަލައިގެ ޙުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ފުއްގިރި މައްސަލައިގެ ޙުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރީގެ ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ނިންމާލުމަށްފަހު، އެ މައްސަލައިގެ ޙުކުމް އިއްވުން މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުމެވެ. މި އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާޒީ ޢަލީ ނަދީމް ވަނީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ އެ ދުވަހު ޙުކުމް އިއްވަވާނެކަން އިޢުލާނު ކުރައްވާފައެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ރައީސް ޔާމީންގެ ދިފާޢީ ވަކީލުން ފާހަގަކުރެއްވީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ ހެކިބަހުގެ ސައްޙަކަމާމެދު ވަނީ ސުވާލު އުފައްދަވާފައެވެ.

ދިފާއުން ބުނެފައިވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އަމިއްލަފުޅު ޑޮލަރު މާރުކޮށްގެން ލިބުނު ފައިސާ ކަމަށެވެ. ނަމަވެސް ދައުލަތުން ކޯޓުގައި ބުނެފައިވަނީ އެ ފައިސާއަކީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ހޯއްދަވާފައިވާ ފައިސާ ކަމަށާއި، ޑޮލަރު މާރުކުރި ކަމަށް ބުނާއިރު އެ ފައިސާއަށްވާ ދިވެހި ފައިސާ ކޮބައިކަން ސާފުނުވާތީ އެ ދިފާއު ބަލައިނުގަތުމަށެވެ.

މި މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ.