ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަދަރުސާތަކުގައި ބުރުގާ އެޅުން މަނާކުރުމުން އަޒަރުބައިޖާން ހޫނުވެއްޖެ!

އިންޑިއާގެ ނިއު ދިއްލީގެ ބާޒާރެއްގައި ހުރި ފިހާރައަކުން ބުރުގާ ވިއްކަން ބަހައްޓާފައި ހުރި ޝޯކޭހެއް ކައިރިން އަންހެނަކު ނުކުންނަނީ / ފޮޓޯ: ރޮއިޓާސް
އިންޑިއާގެ ނިއު ދިއްލީގެ ބާޒާރެއްގައި ހުރި ފިހާރައަކުން ބުރުގާ ވިއްކަން ބަހައްޓާފައި ހުރި ޝޯކޭހެއް ކައިރިން އަންހެނަކު ނުކުންނަނީ / ފޮޓޯ: ރޮއިޓާސް

އަޒަރުބައިޖާނުގެ މަދަރުސާތަކުގައި ބުރުގާ އަޅައިގެން ތަޢުލީމު ހާޞިލް ނުކުރެވޭނެ ގޮތަށް އެ ޤައުމުގެ ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް، ބުރުގާ އަޅާ ދަރިވަރުންނާއި މުދައްރިސުން ނުކުމެ ބޮޑެތި މުޒާހަރާތަކެއް ކުރަން ފަށައިފިއެވެ.

އާބާދީގެ 96 އިންސައްތަ މުސްލިމުން ޚިއްޞާކުރާ އަޒަރުބައިޖާނުން މިފަދަ ފިޔަޅެއް އަޅާފައި ވަނީ މިދިޔަ މަހުގެ ތެރޭގައި ފާސްކުރި އާ ޤާނޫނެއްގެ ދަށުންނެވެ.

އެ ޤާނޫނުގައި ސީދާ 'ބުރުގާ' މަނާކުރާ ވާހަކަ ބަޔާންކޮށްފައި ނުވި ނަމަވެސް، ދައުލަތާއި ދީން ވަކިކުރާ ’ސެކިއުލާ‘ އުސޫލުތަކާ ޚިލާފުވާ އެއްވެސް ހެދުމެއް މަދަރުސާތަކުގައި ބޭނުން ނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

މި ނިންމުމާ ގުޅިގެން އެ ޤައުމުގެ ބައެއް މަދަރުސާތަކަށް ބުރުގާ އަޅާ ދަރިވަރުންނާއި މުދައްރިސުން ހާޒިރުވުން މިހާރު ވަނީ މަނާކޮށްފައެވެ. އެއާއެކު، ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ބައެއް މަދަރުސާތަކުގެ ދަރިވަރުންނާއި މުދައްރިސުން ދަނީ ކުލާސްތަކަށް ހާޒިރުވުމަށް ދެކޮޅު ހަދައި، މަދަރުސާތައް ބޮއިކޮޓް ކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން ޚިޔާލު ފާޅުކުރި ބައެއް މުދައްރިސުންނާއި ދަރިވަރުން ބުނެފައި ވަނީ، ބުރުގާ އެޅުމަކީ އެ މީހުންގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށެވެ. އަދި ބުރުގާ ނޭޅުމަށް އެއްވެސް ފަރާތަކަށް މަޖުބޫރު ނުކުރެވޭނެ ކަމަށާއި، ބުރުގާ އެޅުމާއި ނޭޅުމަކީ ވެސް އަމިއްލަ މިނިވަންކަމުގެ ތެރެއިން ލިބިގެންވާ ޙައްޤެއް ކަމަށް އެ ފަރާތްތަކުން ދަނީ ވަކާލާތު ކުރަމުންނެވެ.

އަޒަރުބައިޖާނުގެ ޤާނޫނު އަސާސީގައި އެ ޤައުމަކީ ދައުލަތާއި ދީން ވަކިކޮށްފައި އޮންނަ 'ސެކިއުލާ' ޤައުމެއްގެ ގޮތުގައި ސިފަކޮށްފައި އޮތް ނަމަވެސް، ކޮންމެ މީހަކަށްމެ ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަމާއި އިޚްތިޔާރު ހަމަ އެ ޤާނޫނު އަސާސީން ކަށަވަރުކޮށްދެއެވެ.

އެހެންކަމުން، ސަރުކާރުގެ މި އާ ނިންމުމަކީ ޤާނޫނު އަސާސީން ލިބިދޭ ދީނީ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.