މާލެ މާރުކޭޓް ކޮމްޕްލެކްސް އަޅާ ބިން މާދަމާގެ ނިޔަލަށް ހުސްކުރަނީ
މާލޭގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި އަޅާ "މާރުކޭޓް ކޮމްޕްލެކްސް" ގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި، މާދަމާގެ ނިޔަލަށް އެ ސަރަޙައްދު ހުސްކުރުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފަހު މުޙުލަތެއް ދީފިއެވެ.
މާލޭގައި ހިންގަމުންދާ މައި ހުރިހާ މާރުކޭޓްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް ހިންގާ 126.4 މިލިޔަން ރުފިޔާގެ މި މަޝްރޫޢު މިއަހަރުގެ މާރިޗު މަހު ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައި ވީނަމަވެސް، 5 މަސް ވީއިރުވެސް ޢަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކުން ހާމަކުރި ގޮތުގައި މަސައްކަތް ނުފެށި ލަސްވަނީ މާލެ ސިޓީ ކައުންސިލުން އެ ބިން ހުސްކޮށް، ކޮންޓްރެކްޓަރާ ޙަވާލުނުކޮށްގެންނެވެ. ބިން ނުލިބުމުގެ ސަބަބުން ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމުމަށް ހުރަސްއެޅޭތީ ކޮންޓްރެކްޓަރުގެ ޝަކުވާ ލިބެމުންދާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
Ads by BMLމި މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުގައި ގޮޅި ހިންގަމުންދާ ފަރާތްތަކަށް ވަގުތީ ގޮތުން ވިޔަފާރިކުރެވޭނެ އިންތިޒާމު މިހާރު ވަނީ ތައިސޭ ކޮށި ބިއްދޮށުގައި ހަމަޖައްސާފައެވެ. އެތަނުން މިހާތަނަށް 96 ގޮޅި ދޫކޮށްފައިވާއިރު، ބާކީ ތިބި 28 ފަރާތަށް ގޮޅި ހަމަޖެއްސުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
6 ފަންގިފިލާއަށް އިމާރާތްކުރާ މި މާރުކޭޓް ކޮމްޕްލެކްސްއަކީ ޖުމްލަ 95,000 އަކަފޫޓަށްވުރެ ބޮޑު ޖާގައެއް ހިމެނޭ ބިޔާ އިމާރާތެކެވެ. މި އިމާރާތް ނިމުމުން މަސްމާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓުގެ އިތުރުން ލޯކަލް މާރުކޭޓުން ޖުމްލަ 455 ގޮޅި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، އިމާރާތުގެ ބޭސްމަންޓްގައި 400 ސައިކަލްގެ ޕާކިންގް ޖާގައެއް ހެދުމަށް ނިންމާފައިވާއިރު، އެންމެ މަތީ ފަންގިފިލާ ޚާއްޞަކުރާނީ ޒަމާނީ ފުޑް ކޯޓަކަށެވެ.
ސަރުކާރުގެ އަމާޒަކީ ބާޒާރުމަތީ ސަރަޙައްދުގެ ބަނދަރާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ކުރިއަށް އޮތް 1 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި މި މަޝްރޫޢު އެއްކޮށް ނިންމާލުމެވެ.
Ads by MACL
