ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޔަމަނުގެ ދާޚިލީ ހަނގުރާމަ ވަރުގަދަވެ ކޮލެރާގެ ކޭސްތައް ތިންގުނައަށް އިތުރުވެއްޖެ

ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ޔަމަނުގެ ސަރަހައްދެއް/ ފޮޓޯ: ރޮއިޓާސް
ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ޔަމަނުގެ ސަރަހައްދެއް/ ފޮޓޯ: ރޮއިޓާސް

ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ އަލުން ވަރުގަދަވުމާ ގުޅިގެން، ކޮލެރާ ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުންގެ ޢަދަދު ވޭތުވެދިޔަ ތިން ހަފުތާގެ ތެރޭގައި ތިންގުނައަށް އިތުރުވެފައިވާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.

މި ބަލިމަޑުކަން ހަލުއިކަމާއެކު ފެތުރެން ފަށާފައިވަނީ، ހަނގުރާމައިގެ ސަބަބުން ރައްކާތެރިކަން ހޯދުމަށް ދެ ލައްކައަށް ވުރެ ގިނަ އާންމުން ގެދޮރު ދޫކޮށް، ސާފުތާހިރުކަން ކުޑަ ވަގުތީ ހިޔާތަކަށް ހިޖުރަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ޑަބްލިއުއެޗްއޯ އިން ނެރުނު ރިޕޯޓުގައި ވާގޮތުން، ސެޕްޓެމްބަރު 6 އިން 12 އަށް، ކޮލެރާ ޖެހިފައިވާ ކަމަށް ޝައްކުކުރެވުނީ 217 މީހުންނަށެވެ. ނަމަވެސް، ސެޕްޓެމްބަރު 27 އިން އޮކްޓޯބަރު 3 ގެ ނިޔަލަށް އެ ޢަދަދު ވަނީ 647 އަށް އުފުލިފައެވެ.
އދގެ ކުއްލި ޙާލަތްތަކާ ބެހޭ އިދާރާގެ ސަރަޙައްދީ ޑިރެކްޓަރު އެނެޓް ހައިންޒެލްމަން ވިދާޅުވީ، ހިޖުރަކުރަމުންދާ އާއިލާތަކަށް މިހާރު މިވަނީ ރައްކާތެރިވެވޭ އަދި ފަރުވާ ހޯދޭ ބަލިތަކުގެ ސަބަބުން އިތުރު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައެވެ. އަދި މިހާރުން މިހާރަށް މާލީ އެހީތެރިކަން ނުލިބި، ރައްކާތެރި ބޯފެނާއި، ވެކްސިންގެ އިތުރުން އަސާސީ ޞިއްޙީ ޚިދުމަތްތައް ނުލިބޭނަމަ، މި ބަލި ކޮންޓްރޯލެއް ނެތި ފެތުރިގެން ހިނގައިދާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

ތަފާސްހިސާބުތައް:
• ޖުމްލަ ކޭސްތައް: މި އަހަރުގެ މިހާތަނަށް ޔަމަނުން މި ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 8,034 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
• މަރުވި މީހުންގެ އަދަދު: މި ބަލީގައި މިހާތަނަށް 27 މީހުން މަރުވެފައިވެއެވެ.
• ފަހުގެ ހާލަތު: ރިޕޯޓުކުރެވުނު ކޭސްތަކުގެ ހަތަރުބައިކުޅަ އެއްބައި ފެނިފައިވަނީ ވޭތުވެދިޔަ ހަތަރު ހަފުތާގެ ތެރޭގައެވެ.
• ބަލި ފެތުރޭ ސަރަހައްދު: ކޭސްތަކުގެ 92 އިންސައްތަ ހިއްސާކުރަނީ، ގެދޮރު ގެއްލިފައިވާ ގިނަ ބަޔަކު ދިރިއުޅޭ ދެކުނު ހުޅަނގުގެ 5 ޕްރޮވިންސަކަށެވެ.

ކޮލެރާއަކީ "ވިބްރިއޯ ކޮލެރޭ" ބެކްޓީރިއާއިން ތަޣައްޔަރުވެފައިވާ ކާބޯތަކެއްޗާއި ފެނުގެ ޒަރީޢާއިން ފެތުރޭ، ގޮހޮރަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ ސަބަބުން ބޭރަށްހިންގުމާއި، ހޮޑުލެވުމާއި، މަސްތަކަށް ވާންވުން ފަދަ އުނދަގޫތައް މެދުވެރިވެއެވެ. އަދި އޯއާރްއެސް (ލޮނުޕެކެޓް) ނުވަތަ އެންޓިބަޔޮޓިކް މެދުވެރިކޮށް އަވަސް ފަރުވާ ނުދެވިއްޖެނަމަ، މިއީ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު، ޖުލައި މަހު ހޫޘީންގެ ހަނގުރާމަވެރިންނާއި ސަރުކާރާ ދެމެދު އަލުން ހަނގުރާމަ ފެށުމާ ގުޅިގެން، ޔަމަނުގެ އިންސާނީ ޙާލަތާއި ކާބޯތަކެތީގެ ދަތިކަން ވަނީ އިންތިހާއަށް ގޯސްވެފައެވެ. މީގެ ކުރިން 2017 ވަނަ އަހަރުވެސް އެ ޤައުމުގައި ފެތުރުނު މިފަދަ ބަލިމަޑުކަމެއްގައި 2,000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ޑަބްލިއުއެޗްއޯ އިން ހާމަކުރި ގޮތުގައި، ޔަމަނުގައި ހިންގާ 90 ދުވަހުގެ ކުއްލި އެހީގެ ޕްރޮގްރާމަށް 31 މިލިއަން ޑޮލަރު ބޭނުންވި ނަމަވެސް، މިހާތަނަށް ލިބިފައިވަނީ އެންމެ 3.78 މިލިއަން ޑޮލަރެވެ. މި ފައިސާއަކީ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ބަލިތައް މޮނީޓަރުކުރުމަށާއި، ކުއްލި ޙާލަތުގައި ސިއްޙީ ފަރުވާ ފޯރުކޮށްދޭ ޓީމުތައް ހަރަކާތްތެރިކުރުވުމަށް ކޮންމެހެން ބޭނުންވާ ފައިސާއެވެ.