ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުން ބޭރުގެ އެއްވެސް ބާރަކާ ޙަވާލެއް ނުކުރާނެ: ދިވެހިސަރުކާރު
ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން އެއްވެސް ޙާލެއްގައި ނުދޭނެ ކަމަށް ބުނެ ސަރުކާރުން ވިދާޅުވެއްޖެއެވެ.
ދިވެހިސަރުކާރުން ނެރުނު ބަޔާނުގައި (ރިފަރެންސް ނަންބަރު: 2026-008) ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހިދައުލަތުގެ ސިޔާދަތަކީ އެމައްޗަށް ރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނޭ ދިވެހިދައުލަތާއި ރައްޔިތުންގެ ޙައްޤެއް ކަމަށެވެ.
އަދި ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީ.އެޒް.އެޑް) ހިމެނޭގޮތުން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހިދައުލަތާ ޙަވާލުކޮށްފައިވާ މުޤައްދަސް ޒިންމާއެއްކަން ސަރުކާރުން ހަނދާންކޮށްދެއްވާފައިވެއެވެ.
Ads by BML🔗 ތަފްޞީލް ކިޔުމަށް: [ލިންކް]
https://twitter.com/presidencymv/status/2110314668011176328
އިސްތިރާޖީގޮތުން ދިވެހިރާއްޖެ އޮތް ސަރަޙައްދުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ސަރުކާރުގެ ބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހުރި ބައިނަލްއަޤްވާމީ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ވަރަށް ބޮޑު އިންސައްތައެއް ބައްރުތަކުގެ މެދުގައި ދަތުރުކުރުމަށް ބޭނުންކުރާ މުހިންމު މަގުތަކެއް ކަމަށެވެ.
އެހެންކަމުން، މި ސަރަޙައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ދުނިޔޭގެ ހަމަޖެހުމަށާއި ވިޔަފާރިތަކަށް ރާއްޖެއިން ޒަމާނުއްސުރެ ކޮށްދޭ އަގުހުރި، މުހިންމު ޚިދުމަތެއް ކަމުގައި ސަރުކާރުން ބަޔާންކުރައްވައެވެ.
ސަރުކާރުގެ އަސާސީ ސިޔާސަތު ހާމަކުރައްވަމުން ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުން ބޭރުގެ ފަރާތްތަކާ ޙަވާލުނުކުރުމަކީ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް ގެންގުޅޭ އެންމެ އިސް ސިޔާސަތު ކަމަށެވެ.
ރާއްޖޭގެ އެއްވެސް ބައެއް އަސްކަރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް އުނިކަން އައިސް، މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ދިވެހިސަރުކާރުން ވަނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފާނެ ފަދަ ގޮތަކަށް، ނުވަތަ ބޭރުގެ ނުފޫޒުތަކަށް މަގުފަހިވާނޭ ފަދަ މޭރުމަކުން، ސީދާ ނުވަތަ ނުސީދާ ގޮތުން ވިޔަސް ބޭރުގެ ބާރުތަކަށް ދަޢުވަތު ނުދިނުމަށް ހުރިހާ ފަރާތްތަކަކަށް ހަރުކަށިކޮށް އިލްތިމާސްކުރައްވާފައެވެ.
Ads by MACL
