ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަމަޟާން މަހަށް މުޅިރާއްޖޭގައި 14 މިސްކިތް ހުޅުވޭނެ، ހުޅުމާލޭގައި ދާއިމީ 3 މިސްކިތެއް ހުޅުވިގެންދާނެ: ވަޒީރު ޝަހީމް

 ވިނަރެސް ފްލެޓް ސަރަހައްދުގައި ބިނާކުރާ މިސްކިތް-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ވިނަރެސް ފްލެޓް ސަރަހައްދުގައި ބިނާކުރާ މިސްކިތް-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނައިރު، އޭގެ ތެރެއިން ދާއިމީ ތިން މިސްކިތެއް ހުޅުމާލޭގައި ހުޅުވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، ރަމަޟާން މަހަށް އަމާޒުކޮށްގެން މިސްކިތްތައް ހުޅުވުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިސްކިތް ބިނާކުރުމުގެ މަޝްރޫޢުތައް މިހާރުވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

އެގޮތުން އދ. ދިގުރަށުގައި ބިނާކުރާ މިސްކިތުގެ މަސައްކަތް މުޅިން ނިމިފައިވާއިރު، ހއ. ތުރާކުނު މިސްކިތުގެ މަސައްކަތްވެސް މިހާރު ދަނީ ނިމުމަކާ ގާތަށެވެ. މީގެއިތުރުން އއ. ހިމަންދޫ މިސްކިތާއި އައްޑޫ ސިޓީ މީދޫ މިސްކިތުގެ ފިނިޝިން މަސައްކަތްތައް ކުރިއަށްދާއިރު، އެހެން ބައެއް ރަށްރަށުގައިވެސް މިސްކިތްތައް އިމާރާތްކުރުމުގެ މަޝްރޫޢުތައް ކުރިއަށްދާކަން މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.



ސަރުކާރުން އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީ މެދުވެރިކޮށް އަންނަނީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަށް ޚާއްޞަކޮށްގެން މިސްކިތްތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި، އާ މިސްކިތްތައް ހުޅުވައި މަރާމާތުކުރުމުގެ މަސައްކަތްތަކަށް ޚާއްޞަ އިސްކަމެއް ދެމުންނެވެ. އެގޮތުން އާބާދީ އިތުރުވަމުން އަންނަ ހުޅުމާލޭގެ އިތުރުން އަތޮޅުތަކުގެ ތަފާތު ރަށްރަށުގައި އިމާރާތްކުރަމުންދާ މިސްކިތްތަކުގެ މަސައްކަތް އަވަސްކޮށް، ރަމަޟާން މަހުގެ ޖަމާޢަތްތަކަށް އެ ތަންތަން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.