އެފްއޭއެމްގެ ޚާއްޞަ ކޮންގްރެސް މިރޭ: ގައްދޫ އަދި ދިއްދޫ ކުލަބަށް މެމްބަރުކަން ދެނީ!
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ޚާއްޞަ ކޮންގްރެސް މިރޭ 20:45 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންގްރެސްގެ އެންމެ މުހިންމު އެއް ނިންމުމަކީ، މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ ގައްދޫ ރެކްރިއޭޝަން ކުލަބާއި ދިއްދޫ ސްޕޯޓްސް ކުލަބަށް އެފްއޭއެމްގެ މެމްބަރުކަން ރަސްމީކޮށް ދިނުމެވެ.
މި ބަދަލާއެކު ދިއްދޫ އަދި ގައްދޫ ކުލަބަށް އެފްއޭއެމްގެ ހިންގުމުގެ ކަންކަމުގައި ބަސްބުނެ، ވޯޓު ލުމުގެ ޙައްޤު ލިބިގެންދާނެއެވެ. މިއީ އެފްއޭއެމްގެ ލީގު ފޯމެޓަށް ގެނައި ބަދަލާއެކު، އަތޮޅުތެރޭގެ ޓީމުތަކަށް ފުރުޞަތު ހުޅުވާލި ފަހުން މެމްބަރުކަން ލިބޭ ފުރަތަމަ ދެ ކުލަބެވެ. ލީގަށް އަލަށް ދިޔަ ބިސްބުރު ސްޕޯޓްސް ކުލަބަކީ ކުރިންވެސް (ދެވަނަ ޑިވިޝަނުގައި އޮތްއިރު) އެފްއޭއެމްގެ މެމްބަރެކެވެ.
މިރޭގެ ކޮންގްރެސްގައި ނިންމާނެ މުހިންމު ކަންތައްތައް:
• ކުލަބުތަކަށް މެމްބަރުކަން ދިނުން: ގައްދޫ އަދި ދިއްދޫ ކުލަބަށް ރަސްމީކޮށް މެމްބަރުކަން ދިނުން.
• ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުން: ޖުލައި މަހުގެ ކޮންގްރެސްގައި ނިންމި ގޮތަށް، މި މަހުގެ 25 ގެ ކުރިން އެސޯސިއޭޝަންގެ ކޮމިޓީތަކަށް މެމްބަރުން ހޮވުން.
Ads by BMLދިވެހި ފުޓުބޯޅަ އަލުން ކޮޅަށްޖެހުމަށް އެފްއޭއެމްގެ އައު ޒައާމަތުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އަތޮޅުތެރޭގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ހަތަރު އަތޮޅެއްގައި ރީޖަނަލް އެސޯސިއޭޝަންތަކެއް އުފެއްދުމަށްވެސް ވަނީ ނިންމާފައެވެ.
Ads by MACL
