ކުޅުދުއްފުށީގެ ކަރަންޓު ޚިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފި
ހދ. ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޚިދުމަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރަސްމީކޮށް ބަލައިގަނެ، އެ ކުންފުނީގެ ދަށުން އެ ސިޓީގައި ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ކުޅުދުއްފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރުއެވެ. އަދި އެ ކުންފުނީގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.
މި ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.
Ads by BMLފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނީގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ މި އަހަރުގެ ސެޕްޓެމްބަރ 7 ވަނަ ދުވަހުއެވެ. މި ނިންމެވުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް އިސްރާފު ކުޑަކުރުމުގެ މަޤްޞަދުގައި ނިންމެވި ނިންމެވުމެކެވެ.
މި ބަދަލާއެކު ކުޅުދުއްފުށި ސިޓީ ހިމެނޭހެން އަތޮޅުތަކުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި އަދި ޒަމާނީ ފެންވަރުގެ ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
Ads by MACL
