ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަމަޟާން މަހުގެ ކުރިން މިސްކިތްތައް މަރާމާތުކުރަން އިސްލާމިކް މިނިސްޓްރީއާއެކު އުރީދޫއިން އެމްއޯޔޫއެއްގައި ސޮއިކޮށްފި

އިސްލާމީކަންތައްތަކާ އައުގާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސްއާ ދެމެދު ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކުރުން ---
އިސްލާމީކަންތައްތަކާ އައުގާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސްއާ ދެމެދު ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކުރުން ---

ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތަކުގެ ހާލަތު ރަނގަޅުކޮށް މަރާމާތުކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގުމަށްޓަކައި އިސްލާމީކަންތައްތަކާ އައުގާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

އުރީދޫގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ކޮންމެ އަހަރަކުވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުން މަދުވެގެން ފަސް މިސްކިތެއް މަރާމާތުކޮށް، އެ ތަންތަނުގެ ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމެވެ.

ހުޅުމާލޭގައި ހުންނަ އުރީދޫގެ ހެޑް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު ޝާދީ ޤަވާސްމީއެވެ.

މި އެއްބަސްވުމުގެ ސަބަބުން މިސްކިތްތައް މަރާމާތުކުރުމާއި، އެ ތަންތަނުގައި ކުރަންހުރި އެކި މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރޭވިގެން ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި މިއީ ދީނީ އަދި އިޖުތިމާއީ ގޮތުން މުޖުތަމަޢަށް ބޮޑު ނަފާއެއް ލިބިގެންދާނެ މުހިންމު ފިޔަވަޅެކެވެ.