ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕާސްޕޯޓުގެ ދަތިތައް ޙައްލުކޮށް، އިމިގްރޭޝަނުން ބެކްލޮގް ނިންމަން ފަށައިފި

ޕާސްޕޯޓުގެ ދަތިތައް ޙައްލުކޮށް، އިމިގްރޭޝަނުން ބެކްލޮގް ނިންމަނީ --- ފޮޓޯ: އިމިގްރޭޝަން
ޕާސްޕޯޓުގެ ދަތިތައް ޙައްލުކޮށް، އިމިގްރޭޝަނުން ބެކްލޮގް ނިންމަނީ --- ފޮޓޯ: އިމިގްރޭޝަން

ދިވެހި ޕާސްޕޯޓް ދޫކުރުމަށް ކުރިމަތިވި ހުރަސްތައް އެއްކޮށް ޙައްލުކޮށް، ނުނިމި ހުރި އެޕްލިކޭޝަންތައް އަވަހަށް ނިންމައި އާންމުންނާ ހަވާލުކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.

ޕާސްޕޯޓުގެ ޚިދުމަތް މަޑުޖެހެން މެދުވެރިވީ ފާއިތުވި ދިހަ އަހަރު ރާއްޖެއަށް ޕާސްޕޯޓް ބުކްލެޓް ފޯރުކޮށްދެމުން އައި ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އެއާއެކު މި އަހަރުގެ އޮގަސްޓް 27 އިން ފެށިގެން އިމިގްރޭޝަނުން ވަނީ ކުއްލި ޙާލަތްތަކުގައި ފުރަންޖެހޭ މީހުންނަށް އިސްކަންދީ، މުއްދަތު ހަމަވާން ކައިރިވެފައިވާ ޕާސްޕޯޓުތަކުގެ މުއްދަތު އިތުރުކޮށްދިނުން ފަދަ ލުއިތަކެއް ހަމަޖައްސައިދީފައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ކުރިން ހާމަކުރެއްވި ގޮތުގައި، ބުކްލެޓް ލިބުމުގެ ދަތިކަމާ ހުރެ ޖުމްލަ 2,646 ޕާސްޕޯޓު ރިކުއެސްޓެއް ވަނީ ނުނިމި ޖަމާވެފައެވެ. ރާއްޖޭގައި އާންމުކޮށް ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 350 ޕާސްޕޯޓަށް އެދޭއިރު، އާންމު އުސޫލުން 24 ގަޑިއިރުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެއެވެ.

އިމިގްރޭޝަނުން ބުނީ ބުކްލެޓްތައް އަލުން ލިބެން ފެށުމާއެކު، ހަފުތާ ބަންދުގައި މުވައްޒަފުން ނެރެގެންނާއި އޮފީސް ހުޅުވާފައި މުންނަ ވަގުތުތައް އިތުރުކޮށްގެން، ޕެންޑިންގައި ހުރި ހުރިހާ މަސައްކަތެއް އަވަހަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ޕްރިންޓްކުރުމުގެ ކެޕޭސިޓީ އިތުރުކޮށް، ހުށަހަޅާފައިވާ ޕާސްޕޯޓުތައް ވީހާވެސް އަވަހަކަށް ވެރިފަރާތްތަކާ ހަވާލުކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މިހާރު ހުށަހެޅިފައި ހުރި އެޕްލިކޭޝަންތައް އެއްކޮށް ނިމުމުން، މާލޭގެ އިތުރުން އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ 39 މަރުކަޒު މެދުވެރިކޮށް ކުރިއެކޭ އެއްފަދައިން ހަލުވިކަމާއެކު އާންމު އުސޫލުން ޚިދުމަތް ދޭން ފަށާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.