ކުދި ޖާގަތަކުގައި ގަސްއިންދައިގެން ފައިދާ ހޯދުމަށް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް މެޑަމް ސާޖިދާ އިލްތިމާސްކުރައްވައިފި
ކުދި ޖާގަތަކުގައި ގަސްއިންދައިގެން ފައިދާ ހޯދުމަށް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް މެޑަމް ސާޖިދާ އިލްތިމާސްކުރައްވައިފިއެވެ.
ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދެއްވި މެސެޖެއްގައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުދި ޖާގަތަކުގައި ގަސްއިންދައިގެން ދަނޑުވެރިކަން ކުރުމަށް އިލްތިމާސްކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، ޒަމާނަށް އައިސްފައިވާ ބަދަލުތަކާއެކު ދަނޑުވެރިކަމުގެ ދާއިރާއަށް ތައާރަފުވެފައިވާ އާ ޓެކްނޮލޮޖީތަކުގެ ސަބަބުން، ކުދި ތަންތަނުގައިވެސް ކާމިޔާބުކަމާއެކު ގަސްހެއްދުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ. އަދި ގޭގޭގެ ގޯތިތެރޭގައާއި ލިބެން ހުރި ކުދި ޖާގަތަކުގައި ދަނޑުވެރިކަން ކޮށްގެން ނަފާ ހޯދިދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
Ads by BMLގޭގޭގައި ގަސްއިންދައިގެން ދަނޑުވެރިކަން ކުރުމަކީ މާހައުލު ފެހިވެ، ނޭވާލާ ވައިގެ ސާފުކަން މަތީ ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެއްކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. މީގެ އިތުރުން، އަމިއްލައަށް ގަސްހައްދައިގެން ސިއްހަތަށް ފައިދާހުރި ތާޒާ ކާނާ ފަސޭހައިން ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން، ގަސްއިންދުމުގެ އާދަ އަށަގަންނުވައި އެކަމަށް އިސްކަންދިނުމަށް މެޑަމް ސާޖިދާ އެދިވަޑައިގެންނެވިއެވެ. އެއާއެކު، ގަސްގަހާގެހި ހައްދައި ބެލެހެއްޓުމުގައި ސިއްހީ ރައްކާތެރިކަމާއި އާންމު ސަލާމަތަށް ބަލައިގެން އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވުމަށްވެސް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
Ads by MACL
