ފަހި ދިރިއުޅުމަށް ސާބަސް، ފުރަތަމަ ފަހަރަށް ސޯޝަލް ހައުސިން ޔުނިޓެއް ކުލި ނުދައްކައިން ދޮރުގައި ހުސްކުރުމުގެ ނޯޓިސް ޖަހައިފި!
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ "އަމާން ޓަވަރުތަކުން" ފްލެޓް ލިބުނު ދެ ފަރާތަކުން ގަވާއިދުން ކުލި ނުދައްކާ ދިގުލައިގެން ދިއުމާ ގުޅިގެން، އެ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް ފްލެޓް ހުސްކުރުމުގެ ނޯޓިސް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފުރަތަމަ ފަހަރަށް ފޮނުވައިފިއެވެ. މިއީ ރާއްޖޭގެ ސޯޝަލް հައުސިންގެ ތާރީޚުގައި ކުލި ނުދައްކައިގެން މިފަދަ ހަރުކަށި ފިޔަވަޅެއް ރަސްމީކޮށް އެޅި ފުރަތަމަ ފަހަރެވެ.
އެފްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، މި ފިޔަވަޅު އަޅާފައިވަނީ 4،000 ހައުސިން ޔުނިޓު ހަވާލުކުރުމުގެ ކުރިން އެ ކޯޕަރޭޝަނާއެކު ވެފައިވާ ޔުނިޓު ކުއްޔަށްދިނުމާއި މިލްކުކުރުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން، އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ތަކުރާރުކޮށް ފުރުސަތު ދެވުނު ކަމަށް އެފްޑީސީން ބުނެއެވެ.
މި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ކުލި ދެއްކުމަށް ފޮނުވޭ ނޯޓިސް (ޕޭމަންޓް ޑިފޯލްޓް ނޯޓިސް) ފޮނުވުމުގެ އިތުރުން، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ދީފައިވާ ކަމަށް އެފްޑީސީން ބުނެއެވެ. މި ނޯޓިސްތައް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ހަވާލުކުރެވިފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
Ads by BMLފައިސާ ދެއްކުމަށް އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން އެކަށީގެންވާ ފުރުސަތުތަކެއް ދެވި، ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅާ ދިޔައިރުގައި ވެސް އެ ފަރާތްތަކުން ފައިސާ ދައްކާފައި ނުވާތީ، އެއްބަސްވުން ބާތިލުކޮށް، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިޓު ހުސްކޮށް ހަވާލުކުރުމަށް މިހާރު ވަނީ އަންގާފައެވެ. އަދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓަށް ދެވިފައިވާ އެކްސެސް ވެސް މިހާރު ވަނީ ކަނޑާލާފައެވެ.
އެފްޑީސީން ބުނި ގޮތުގައި އިސްވެ ބަޔާންކޮށްފައިވާ ފިޔަވަޅުތަކަކީ އެއްބަސްވުމުގެ އުސޫލުތައް ނެގެހެއްޓުމަށާއި، އެންމެހައި ފަރާތްތަކުގެ މައްޗަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ތަންފީޒުކުރުމުގެ މަގުސަދުގައި އަޅާފައިވާ ފިޔަވަޅުތަކެކެވެ. ފިޔަވަޅު އެޅުމުގެ ކުރިން އެކަށީގެންވާ ނޯޓިސް ދެވި، ޒިންމާތައް އަދާކުރުމަށް ފުރުސަތު ފަހިކޮށްދިނުމާއެކު، ހައުސިން ޔުނިޓުތައް ބެލެހެއްޓުމުގައި ދެފުށް ފެންނަ އަދި އިންސާފުވެރި އުސޫލުތަކެއް ދެމެހެއްޓުމަށް އެފްޑީސީން އަބަދުވެސް އިސްކަންދޭނެއެވެ.
އިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން މަހުން މަހަށް ކުއްޔާއި މެއިންޓެނަންސް ފީ ދެއްކެވުމަށް އަމާން ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
Ads by MACL
