ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސްކޫލް ގަޑިތަކާ ދިމާކޮށް މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން މަނާ ގަޑިތަކަށް ބަދަލުގެނެސްފި

ސްކޫލް ގަޑިތަކާ ދިމާކޮށް މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން މަނާ ގަޑިތަކަށް ބަދަލުގެނެސްފި

މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާބިގާވެއުޅޭ ފަރާތްތަކަށާއި ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން، ސްކޫލް ގަޑިތަކާ ދިމާކޮށް ބަރު އުޅަނދުފަހަރާއި މުދާ އުފުލާ އުޅަނދުތައް ދުއްވުން މަނާ ގަޑިތަކަށް އިގުތިސޯދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބަދަލުތަކެއް ގެނެސްފިއެވެ.

އެ ވުޒާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ކިޔަވައިދޭ ދުވަސްތަކުގައި ސްކޫލްތައް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި ސްކޫލް ސަރަހައްދުތަކުގައި ބަރު އުޅަނދު ދުއްވުމާއި މުދާ އުފުލުމަކީ މަނާކަމެއް ކަމަށެވެ. މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ބެލެނިވެރިންނާއި ދަރިވަރުންނަށް ލުއިފަސޭހަ މާހައުލެއް ގާއިމުކުރުމަށް އެޅި ފިޔަވަޅެކެވެ.

ގެނެވުނު ބަދަލުތަކުގެ ދަށުން، ހެނދުނު 6:00 އިން 8:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކާއި، ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބްރިޖާއި ހައިވޭގައި 350 ކިލޯއަށްވުރެ ބަރު މުދާ އުފުލާ އުޅަނދުތަކާއި، ޓްރަކާއި، ކްރޭނާއި، ފޯކްލިފްޓް އަދި ޓްރެއިލާ ފަދަ ބަރު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ.

މީގެއިތުރުން، މެންދުރުކުރީ 11:30 އިން މެންދުރުފަހު 1:30 އާ ދެމެދުވެސް ބޮޑުތަކުރުފާނު މަގު އިސްތިސްނާވާގޮތަށް މާލޭގެ މަގުތަކާއި ބްރިޖާއި ހައިވޭގައި 350 ކިލޯއަށްވުރެ ބަރު މުދާ އުފުލާ އުޅަނދުތަކާއި ބަރު އުޅަނދުފަހަރު ދުއްވުން މަނާވާނެކަމަށް އިގުތިސޯދީ ވުޒާރާއިން ހާމަކުރެއެވެ.

އެހެންކަމުން، ބަރު އުޅަނދުތައް ދުއްވާ ފަރާތްތަކުން މި އެންގުމަށް ފުރިހަމައަށް އަމަލުކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑައަޅާފައިވާ ގަޑިތަކާ ހިލާފަށް އުޅަނދު ދުއްވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަމުންދާނެކަމަށްވެސް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.