ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް 10 ސްކޮލަރޝިޕް ހުޅުވާލައިފި

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް 10 ސްކޮލަރޝިޕް ހުޅުވާލައިފި

ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި، ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމުގެ 10 ފުރުސަތެއް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ހުޅުވާލައިފިއެވެ.

މިއީ ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ކުރިއަށްގެންދާ "ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ފަހިކޮށްދީފައިވާ ފުރުސަތުތަކެކެވެ.

މި ސްކޮލަރޝިޕްތަކުގެ ދަށުން ކިޔެވުމުގެ ފުރުސަތު ހަމަޖެހިފައިވަނީ އޭޝިއާ ސަރަޙައްދުގެ ގައުމުތަކާއި، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ބައިވެރިވާ ގައުމުތަކުގެ އިތުރުން އޯއީސީޑީއަށް ނިސްބަތްވާ ގައުމުތަކުންނެވެ. މި ޕްރޮގްރާމްގެ ދަށުން ބެޗްލަރސް ޑިގްރީ އަދި މާސްޓަރސް ޑިގްރީ ފެންވަރަށް ކިޔެވުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ތިން ދާއިރާއަކުންނެވެ.

އެގޮތުން މަސްވެރިކަމުގެ ދާއިރާއިން މާސްޓަރސް ފެންވަރަށް ފިޝަރީޒް މެނޭޖްމަންޓާއި މެރިޓައިމް އެފެއާޒްގެ 2 ފުރުސަތު، އަދި ބެޗްލަރސް ފެންވަރަށް އެކުއާކަލްޗަރ، ފިޝަރީޒް ސައިންސް ނުވަތަ މެރިން ސައިންސްގެ 3 ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެއިތުރުން މެރިން ރިސަރޗް އާއި މެރިކަލްޗަރ ދާއިރާއިން ސަސްޓެއިނަބަލް އެކުއާކަލްޗަރ، އެކުއާކަލްޗަރ ނިއުޓްރީޝަން، އެކުއާކަލްޗަރ އިންޖިނިއަރިންގ އަދި އެކުއަޓިކް ހެލްތު ނުވަތަ ޕެތޮލޮޖީގެ މާސްޓަރސް 3 ފުރުސަތާއި، ރިމޯޓް ސެންސިންގ، ޖީއައިއެސް ނުވަތަ އޯޝަނޯގްރަފީއަށް ހާއްސަ މެރިން ސައިންސްގެ ބެޗްލަރސް ޑިގްރީގެ 1 ފުރުސަތު ހިމެނެއެވެ.

ދަނޑުވެރިކަމުގެ ދާއިރާއަށް ބަލާއިރު، ޕްލާންޓް ޕްރޮޓެކްޝަން، އެންޓޮމޮލޮޖީ ނުވަތަ ޕްލާންޓް ޕެތޮލޮޖީގެ މާސްޓަރސް ފެންވަރުގެ 1 ފުރުސަތުގެ އިތުރުން، އެގްރިކަލްޗަރ، އެގްރިކަލްޗަރަލް ސައިންސް ނުވަތަ ހޯޓިކަލްޗަރަލް ސައިންސްގެ ބެޗްލަރސް ޑިގްރީ ފެންވަރަށް 3 ފުރުސަތު ވަނީ ކަނޑައަޅާފައެވެ.

މި ސްކޮލަރޝިޕްތަކަށް އެދިހުށަހަޅާ ފަރާތްތަކުގެ ތެރެއިން މާސްޓަރސް ޑިގްރީއަށް ކުރިމަތިލާ މީހުންނަކީ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށް، މަދުވެގެން 2 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް ވާންޖެހެއެވެ. އަދި ބެޗްލަރސް ޑިގްރީއަށް އެދޭ ފަރާތްތަކުން ޖީސީއީ އޯލެވެލްގެ 5 މާއްދާއިން އަދި އޭލެވެލްގެ 3 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހޯދާފައިވުން ނުވަތަ ޔުނިވަރސިޓީން ގަބޫލުކުރާ ފައުންޑޭޝަން ނުވަތަ ސެޓްފިކެޓް ލެވެލްގެ ސަނަދެއް ފުރިހަމަކޮށްފައި އޮންނަންޖެހެއެވެ. މި ފުރުސަތުތަކަށް އެޕްލައިކުރާ މީހުންގެ ތެރެއިން ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނަށް އިސްކަންދެވޭނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ކޯސް ފުރިހަމަކުރުމަށް ބޭނުންވާ ޓިއުޝަން ފީ، އަހަރީ ބުކް އެލަވަންސް، އެއްފަހަރު ދެވޭ އެސްޓަބްލިޝްމަންޓް އަދި ޑިޕާރޗަރ އެލަވަންސްގެ އިތުރުން ކިޔަވާ މުޅި މުއްދަތަށް ބޭނުންވާ މަންތްލީ ސްޓައިޕަންޑް މި ސްކޮލަރޝިޕްގެ ދަށުން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ. އަދި ކޯސް ނިންމުމަށްފަހު ސިވިލް ސަރވިސްގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީއަށް ހިދުމަތްކުރުމުގެ ބޮންޑެއް އޮންނާނެއެވެ.

މި ކޯސްތަކަށް ކުރިމަތިލުމުގެ ފަހު ސުންގަޑިއަކީ ނޮވެމްބަރު 15 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހެނީ މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް (ހ. ޕަލްމޭރާ، 3 ވަނަ ފަންގިފިލާ، ސޯސަން މަގު) ނުވަތަ [email protected] އީމެއިލް މެދުވެރިކޮށެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 އާއި މެންދުރުފަހު 14:00 އާ ދެމެދު 3033484 ނަންބަރަށް ގުޅުމަށް މިނިސްޓްރީން އެދެއެވެ.