ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގެސްޓްހައުސްތަކަށް އައި ފަތުރުވެރިންގެ އަދަދު 3.6 ލައްކައަށްވުރެ މައްޗަށް: ޖުމްލަ އާބާދީގެ ފަސްބައިކުޅައެއްބަޔަށްވުރެ އިތުރު

ގެސްޓްހައުސްތަކަށް އައި ފަތުރުވެރިންގެ އަދަދު 3.6 ލައްކައަށްވުރެ މައްޗަށް: ޖުމްލަ އާބާދީގެ ފަސްބައިކުޅައެއްބަޔަށްވުރެ އިތުރު

މި އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ފަސްބައިކުޅައެއްބަޔަށްވުރެ ގިނަ މީހުން ގެސްޓްހައުސްތަކުގައި ވަގުތު ހޭދަކޮށްފައިވާކަން ޓުއަރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

އެގޮތުން އިއްޔެގެ ނިޔަލަށް 360,016 ފަތުރުވެރިން ގެސްޓްހައުސްތަކަށް އައިސްފައިވާއިރު، މިއީ ރާއްޖެއަށް އައި މުޅި ފަތުރުވެރިންގެ 21.8 އިންސައްތައެވެ.

ގެސްޓްހައުސްތަކަށް ބޮޑު ތަރުހީބެއް ލިބެމުންދިޔަ ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ހިއްސާއެއް އަދިވެސް ނަގަމުންދަނީ ރިސޯޓުތަކުންނެވެ. މި މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ 73.9 އިންސައްތަ ނުވަތަ 1,219,734 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.

އިއްޔެގެ ނިޔަލަށް މުޅި ޖުމްލަ އަދަދަށް ބަލާއިރު ރާއްޖެއަށް 1,682,550 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވެރެޖުކޮށް 5,863 ފަތުރުވެރިންގެ ނިސްބަތެކެވެ. ނަމަވެސް، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.4 އިންސައްތައިގެ ދަށްވުމެކެވެ.

މާކެޓުތަކަށް ބަލާއިރު، މިވަގުތު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ މަގާމުގައި އޮތީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 317,524 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މުޅި ރާއްޖެއަށް އައި ފަތުރުވެރިންގެ 19.2 އިންސައްތައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވަމުންދާއިރު، މިހާރު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1,294 ތަނެއް ދަނީ އޮޕަރޭޓްކުރަމުންނެވެ. އަދި މި ތަންތަނުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ޖުމްލަ 68,091 އެނދު ވަނީ ތައްޔާރުކުރެވިފައެވެ.