ފެނަކައިގެ ހިންގުން ޑރ. އަޒުވަރާ ހަވާލުކޮށް، ބޯޑަށް އާ މެންބަރަކު އައްޔަންކޮށްފި
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ހިންގުން ވަގުތީ ގޮތުން ޑރ. އަލީ އަޒުވަރާ ހަވާލުކުރައްވައި، އެ ކުންފުނީގެ ބޯޑަށް އާ މެންބަރަކު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އިން އައްޔަންކުރައްވައިފިއެވެ.
ޕީސީބީން ހާމަކުރެއްވި ގޮތުގައި، ފެނަކަ ކޯޕަރޭޝަނުގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ސ. ފޭދޫ، ނެސްޕްރޯވިލާ، ޑރ. އަލީ އަޒުވަރެވެ. މީގެ އިތުރުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ހ. ހުދުރިޔާ، އިބްރާހިމް ނިޠާމް ވެސް މިހާރު ވަނީ އައްޔަންކުރައްވާފައެވެ.
މި ބަދަލުތައް ގެންނަވާފައިވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު އަފީފު ޙުސައިން އެ މަޤާމުން ވަކިކުރެއްވުމަށް ފަހުގައެވެ.
Ads by BMLފެނަކަ ކުންފުނީގެ ހިންގުމަށް މި ބަދަލުތައް ގެނެސްފައިވަނީ، އެ ކުންފުނި އުވާލައި، ކުންފުނީގެ އެންމެހައި މަސައްކަތްތަކާއި ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިސިޓީ ކޮމްޕެނީ ގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާ ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
މި ބަދަލުތަކުގެ ތެރެއިން، މިހާރު ފެނަކައިގެ ދަށުން ކަރަންޓާއި ފެނުގެ ޚިދުމަތް ދެމުން އަންނަ ރަށްރަށުގެ އޮޕަރޭޝަންތައް ސްޓެލްކޯއާ ހަވާލުކުރުމުގެ މަސައްކަތް ދަނީ ބާރަށް ހިނގަމުންނެވެ. އެގޮތުން ރަށްރަށުގެ އެސެސްމެންޓުތައް ހަދައި ނިންމުމަށްފަހު، ސްޓެލްކޯއިން މިހާރު ދަނީ ރަސްމީކޮށް އެ ރަށްރަށުގެ އޮޕަރޭޝަންތަކާ ހަވާލުވަމުންނެވެ.
Ads by MACL
