މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރަށް ނަގައި، އެ ސަރަޙައްދުތަކުގައި ހިންގާނެ މަޝްރޫޢުތައް އިޢުލާނުކޮށްފި
މާލެ ސިޓީ ކައުންސިލުގެ އިޚްތިޞާޞްގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރަށް ނަގައި، އެ ބިންތަކުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އުމްރާނީ މަޝްރޫޢުތަކުގެ ތަފްސީލު ސަރުކާރުން އިޢުލާނުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މާލެ އަދި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރުމަށާއި، އިންފްރާސްޓްރަކްޗަރގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ބައެއް ބިންތައް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. މި ބަދަލު ގެނެސްފައިވަނީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ ދަށުން، އެ ބިންތައް ކައުންސިލުގެ އިޚްތިޞާޞުން ވަކިކުރުމަށްފަހުގައެވެ.
ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރި ބިންތަކުގެ ތަފްސީލާއި އެތަންތަނުގައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ މުހިންމު މަޝްރޫޢުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
1. ސަލްޓަން ޕާކު / މިއުޒިއަމް ސަރަޙައްދު: އީ-ސްޕޯޓްސް އެރީނާ އަދި މިއުޒިއަމް ޕާކެއް ތަރައްޤީކުރުން
2. މަސް މާރުކޭޓު: އޮފީސް އަދި ވިޔަފާރީގެ ބޭނުންތަކަށް ކުއްޔަށްދޭ އިމާރާތެއް ބިނާކުރުން
3. ލޯކަލް މާރުކޭޓު: ޒަމާނީ މާރުކޭޓު ކޮމްޕްލެކްސެއް ޤާއިމުކުރުން
4. ދަތުވެރިންގެ މާރުކޭޓު: މިކްސް-ޔޫސްޑް ކޮމާޝަލް ޑިވެލޮޕްމަންޓް މަޝްރޫޢެއް ހިންގުން
5. ސިޓީ ކައުންސިލް އެކަމަޑޭޝަން ބިން: ލޭބަރ އެކަމަޑޭޝަން އަދި ސްޓޯރޭޖް ފެސިލިޓީއެއް ހެދުން
6. ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގި ބިން: ޑޭ ކެއަރ ސެންޓަރަކާއި ކުޑަކުދިންގެ ހަރަކާތްތައް ހިންގާ މަރުކަޒެއް ބިނާކުރުން
7. ކާނިވާ ކެފޭ ޕާކިން ސަރަޙައްދު: ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުންތަކަށް ތަރައްޤީކުރުން
8. އާރޓިފިޝަލް ބީޗު: ޢާންމުންގެ މުނިފޫހިފިލުވުމަށް ޚާއްޞަ ޕަބްލިކް ރެކްރިއޭޝަނަލް ފެސިލިޓީއެއް ޤާއިމުކުރުން
9. މަސްވެރިންގެ މައިޒާން: މިހާރުވެސް ބޭނުންކުރަމުންދާ ގޮތަށް އެމްޑަބްލިއުއެސްސީގެ ޕަމްޕް ސްޓޭޝަނެއްގެ ގޮތުގައި ދެމެހެއްޓުން
10. ތައިސޭކޮށީގެ ހުސްބިންތައް: ތަރައްޤީގެ މަޝްރޫޢުތަކުގެ ވޯކް ސައިޓެއްގެ ގޮތުގައި ބޭނުންކުރުން
11. ޕޭ ޓޮއިލެޓް 2 ބިން: ޕަބްލިކް ފާހަނާއާއި އެއާ ގުޅޭ ޚިދުމަތްތައް ތަރައްޤީކުރުން
12. ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ބިން: އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ފެސިލިޓީއެއް ޤާއިމުކުރުން
13. ބޮނޑިބަތް ޕާކު: ޕާކިން އިމާރާތެއްގެ އިތުރުން ވިޔަފާރި ބޭނުންތަކަށް ޚާއްޞަ ތަނެއްގެ ގޮތުގައި ތަރައްޤީކުރުން
14. ރަސްފަންނު: އެ ސަރަޙައްދު ހިންގާ ބެލެހެއްޓުން މުޠުލަޤަށް ސަރުކާރުގެ ދަށަށް ބަދަލުކުރުން
Ads by BMLމިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި ބިންތައް ސަރުކާރަށް ނެގުމުގެ މައިގަނޑު މަޤްޞަދަކީ މާލޭގައި ހުރި ހުސްބިންތައް ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވާނެ ގޮތްތަކަށް ބޭނުންކުރުމާއި، މިހާރު ހުރި ޕާކުތަކާއި މައިޒާންތައް ދެމެހެއްޓެނިވި އަދި ތަރުތީބުވެގެންވާ ނިޒާމެއްގެ ދަށުން ބެލެހެއްޓުމެވެ.
މި އިޢުލާނުކުރެވުނު މަޝްރޫޢުތަކާ ގުޅޭގޮތުން އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ޝަކުވާއެއް އޮތްނަމަ، މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ހަފުތާގެ މުއްދަތެއްގެ ތެރޭގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއަށް ލިޔުމުން ހުށަހެޅުއްވުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
Ads by MACL
