ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަޅު ކަނޑުގައި ދެ ޓޭންކަރެއްގައި ރޯވެ، ފަޅުވެރިން ހޯދުމުގެ މަސައްކަތް ފަށައިފި

 ކަޅު ކަނޑު ގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ / ފޮޓޯ: ރޮއިޓާސް
ކަޅު ކަނޑު ގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ / ފޮޓޯ: ރޮއިޓާސް

ކަޅު ކަނޑު ގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކެއްގައި ދެ ކެމިކަލް ޓޭންކަރެއްގައި ރޯވެ، ގެއްލުނު ހަތް ފަޅުވެރިއަކު ހޯދުމުގެ މަސައްކަތް ރޮމޭނިއާގެ ކަމާބެހޭ އިދާރާތަކުން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރަޝިއާގެ ޑްރޯންތަކެއް ރޮމޭނިއާގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، މިއީ ސީދާ ރަޝިއާގެ ހަމަލާއެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ރޮމޭނިއާ ސަރުކާރުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ފާއިތުވި 10 ދުވަހުގެ ތެރޭގައި ރޮމޭނިއާ އާއި ނޭޓޯގެ މެންބަރު ގައުމެއް ކަމަށްވާ ބަލްގޭރިއާ ކައިރިން ދަތުރުކުރި ފަސް އުޅަނދަކަށް ޑްރޯން ހަމަލާތަކެއް އަމާޒުވެ، 23 ފަޅުވެރިއަކު ވަނީ ގެއްލިފައެވެ. ނަމަވެސް ކުރީގެ ހަމަލާތައް ދީފައިވަނީ ނޭޓޯގެ ކަނޑުގެ ސަރަހައްދުން ބޭރުގައެވެ.

އަލިފާން ރޯވި ދެ އުޅަނދު އޮތީ ބްލެކް ސީއިން ޑަންޔޫބް ކޯރަށް ވަންނަ ސަރަހައްދުގައި ބަނދަރުކޮށްފައެވެ. ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ ބަނދަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުން، މިއީ މިހާރު ޔޫކްރެއިންއިން އެންމެ ބޮޑަށް ބޭނުންކުރާ ކަނޑުގެ ވިޔަފާރި މަގެވެ.

ރޮމޭނިއާގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ސަން މަރީނޯގެ ދިދަ ނަގައިގެން ދަތުރުކުރި 'ވައިން ޓޭންކަރ' އިން ކުއްލި އެހީއަށް އެދުމުން، އޭގައި ތިބި 12 ފަޅުވެރިންގެ ތެރެއިން 5 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ. ގެއްލިފައިވާ ބާކީ 7 މީހުން ހޯދުމަށް ދެ ހެލިކޮޕްޓަރާއި ސިއްހީ އެހީތެރިންނާއެކު ދެ ބޯޓު ދަނީ ހަރަކާތްތެރިވަމުންނެވެ.

ނަމަވެސް، ކަނޑު ގަދަވެ ބޮޑެތި ރާޅުތައް އުފެދެމުންދާތީ ސަލާމަތީ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

މީގެ އިތުރުން، އޮކްޓޯބަރު 14 ގައި ކޮމޮރޯސްގެ ދިދަ ޖަހާފައިވާ 'ޔަރާ ޖޭ' ނަމަކަށް ކިޔާ ކެމިކަލް އަދި ތެޔޮ ޓޭންކަރެއްގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، އެ އުޅަނދުގެ ހުރިހާ ފަޅުވެރިން ސަލާމަތް ކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔޫކްރެއިންއާއެކު 614 ކިލޯމީޓަރުގެ ބޯޑަރެއް ހިއްސާކުރާ ރޮމޭނިއާގެ ވައިގެ ސަރަހައްދަށް ފާއިތުވި 4 އަހަރު ތެރޭގައި ރަޝިއާގެ ގިނަ އަދަދެއްގެ ޑްރޯންތައް ހުއްދަނެތި ވަދެފައިވެއެވެ. ބްލެކް ސީގައި ދަތުރުކުރާ އުޅަނދުތަކަށް ދެމުންދާ މިފަދަ ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަބަބަކީ ހަނގުރާމަވެރި ދެ ގައުމުގެ އިތުރުން ރޮމޭނިއާއަކީވެސް ދުނިޔެއަށް ފުޅާދާއިރާއެއްގައި ގޮދަން އެކްސްޕޯޓްކުރާ މުހިންމު ގައުމަކަށް ވުމެވެ.