ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޅ. ނައިފަރާއި އޮޅުވެލިފުށިން މަސްތުވާތަކެއްޗާއެކު ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ޅ. ނައިފަރާއި އޮޅުވެލިފުށިން މަސްތުވާތަކެއްޗާއެކު ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ޅަވިޔަނި އަތޮޅުގެ ދެ ރަށެއްގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ޚާއްޞަ އޮޕަރޭޝަންތަކެއްގައި، މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި އެ އަތޮޅުގެ ރަށްރަށުގެ ޕޮލިސް އިންޓެލިޖެންސް ގުޅިގެން މި އޮޕަރޭޝަންތައް ހިންގާފައިވަނީ ނައިފަރާއި އޮޅުވެލިފުށީގައެވެ.

މި މަހުގެ 12 ވަނަ ދުވަހު ނައިފަރުގައި ހިންގި އޮޕަރޭޝަނަކީ، އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ކޯޓު އަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ރަށު ސޯސަންވިލާ، ޙަސަން ހުޝާމު (35އ) އާއި ކަދުވަލުގެ، އާދަމް ނަޞީރު (32އ) އެވެ.

އޭގެ އިތުރުން، މި މަހުގެ 13 ވަނަ ދުވަހު އޮޅުވެލިފުށީގައި ހިންގި އޮޕަރޭޝަނުގައި، އެ ރަށު މަގުމަތިން ހުއްޓުވައި ބަލައިފާސްކުރި މީހެއްގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ކަރުދާސްކޮޅު ފެނިފައިވެއެވެ. އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އޮޅުވެލިފުށީ ޝެހެނާޒްގެ، މުޙައްމަދު އަފްރާޙް (28އ) އެވެ.

މި މައްސަލަތަކުގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ނައިފަރުން ހައްޔަރުކުރި ޙަސަން ހުޝާމާއި އާދަމް ނަޞީރުގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ދީފައެވެ. އަދި އޮޅުވެލިފުށިން ހައްޔަރުކުރި މުޙައްމަދު އަފްރާޙްގެ ބަންދަށް ކޯޓުން ވަނީ އަށް ދުވަހުގެ މުއްދަތެއް ދީފައެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.