ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިލިމާލޭގައި އައު ހޮސްޕިޓަލް އަޅަން ތައްޔާރުވުމުގެ ގޮތުން ސިއްޙީ ޚިދުމަތްތައް "އަމާން ހިޔާ" އަށް ބަދަލުކޮށްފި

ވިލިމާލޭގައި އައު ހޮސްޕިޓަލް އަޅަން ތައްޔާރުވުމުގެ ގޮތުން ސިއްޙީ ޚިދުމަތްތައް "އަމާން ހިޔާ" އަށް ބަދަލުކޮށްފި

ވިލިމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ރަށު ހޮސްޕިޓަލުން ފޯރުކޮށްދެމުން އައި ސިއްޙީ ޚިދުމަތްތައް ވަގުތީގޮތުން "އަމާން ހިޔާ" އިމާރާތަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ވަގުތީ އިމާރާތް ތައްޔާރުކުރުމަށްފަހު ޚިދުމަތްތައް ބަދަލުކޮށްފައިވާއިރު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، ޢާންމުކޮށް ދެމުންއައި އިމަޖެންސީ ޚިދުމަތާއި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުތައް މިހާރު އެ އިމާރާތުން ލިބެމުންދާނެ ކަމަށެވެ.

އަމާން ހިޔާ އިމާރާތުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ނިމުމުން ޑެންޓަލް، ފިޒިއޮތެރަޕީ އަދި ޑައިލިސިސްގެ ޚިދުމަތްތައްވެސް އެތަނަށް ބަދަލުކުރެވޭނެއެވެ. މި ދުވަސްވަރު އެ ޚިދުމަތްތައް އާންމުންނަށް ފޯރުކޮށްދެމުންދަނީ އައިޖީއެމްއެޗް މެދުވެރިކޮށެވެ.

ހޮސްޕިޓަލުގެ ހުރިހާ ޚިދުމަތްތަކެއް ވަގުތީ އިމާރާތަށް އެއްކޮށް ބަދަލުކޮށް ނިމުމުން، އައު ހޮސްޕިޓަލް ބިނާކުރުމަށް ހަމަޖެހިފައިވާ ބިން ހުސްކޮށް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއާ ހަވާލުކުރާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މައުލޫމާތުދެއެވެ. މި ބަދަލުތައް ގެންނަމުންދަނީ ރައްޔިތުންނަށް ދަތިނުވާނެހެން ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އިމާރާތްކުރާ 100 އެނދުގެ އައު ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ މިހާރު ހުރި އިމާރާތް ތަޅާލުމަށްފަހުއެވެ. ދެ އިމާރާތުގެ މައްޗަށް އެކުލެވޭ މި ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ފަށާފައިވާއިރު، އެތަނުގައި އައުޓްޕޭޝަންޓް، އިންޕޭޝަންޓް، އިމަޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ޚިދުމަތް ދިނުމަށް ޚާއްސަ އެނދުތައް ގާއިމުކުރެވިގެންދާނެއެވެ.