ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މީދޫ އުފެއްދުންތަކަށް ޚާއްސަ މާރުކޭޓާއެކު ދަނޑުވެރިންނަށް އައު އުންމީދެއް

މީދޫގައި ދަނޑުވެރިކަމުގެ މާރުކޭޓް ހުޅުވުން ---
މީދޫގައި ދަނޑުވެރިކަމުގެ މާރުކޭޓް ހުޅުވުން ---

އައްޑޫ ސިޓީ މީދޫގެ ދަނޑުވެރިންނާއި އާންމު ރައްޔިތުން އުފައްދާ ތަކެތި ފަސޭހަކަމާއެކު ވިއްކޭނެ މަގުފަހިކުރުމުގެ ގޮތުން "ދަނޑުވެރިންގެ މާރުކޭޓު" ގެ ނަމުގައި ޚާއްސަ މާރުކޭޓެއް ހުޅުވައި، އެ ރަށުގެ ދަނޑުވެރިންގެ އުފެއްދުންތަކަށް އައު މާކެޓެއް ތަނަވަސްކޮށްދީފިއެވެ.

ގައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މީދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މާރުކޭޓު ރަސްމީކޮށް ހުޅުވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

މީދޫ ކައުންސިލުން އިސްނަގައިގެން ގާއިމުކުރި މި މާރުކޭޓުގެ ޚިދުމަތް ކޮންމެ ހަފުތާ ބަންދަކު "ވީކެންޑް މާކެޓް" ގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރަށުގައި އުފައްދާ އެކި ބާވަތްތަކަށް އެކަށީގެންވާ އަގު ހޯދައިދިނުމާއި، އިގްތިސާދީ ގޮތުން ދަނޑުވެރިން ބާރުވެރިކުރުވުމަށް ފެށި މުހިންމު ހަރަކާތެކެވެ.

މާރުކޭޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަައްކަވަމުން މީދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞާޘިރު ވިދާޅުވީ، މި މާރުކޭޓުގެ ސަބަބުން ތަރުކާރީއާއި މޭވާގެ އިތުރުން ގޭގޭގައި ހައްދާ ގަސްގަހާގެއްސާއި އަމިއްލައަށް ތައްޔާރުކުރާ ތަފާތު ކާބޯތަކެތި ސީދާ ގަންނަންބޭނުންވާ ފަރާތްތަކަށް ވިއްކުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ޞާޘިރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކައުންސިލްގެ އަމާޒަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ރަށު ތެރޭގައި ފައިސާ ދައުރުވާނެ އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކޮންމެ ހަފުތާ ބަންދެއްގައި މި މާރުކޭޓުގެ ހަރަކާތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މި މާރުކޭޓު ހުޅުވުމާ ގުޅިގެން މީދޫގެ ދަނޑުވެރިން ވަނީ އެމީހުންގެ އުފެއްދުންތަކަށް ޚާއްސަ މާރުކޭޓެއް ލިބިގެންދިއުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބުނެ ކައުންސިލްގެ އިސްނެގުމަށް ޝުކުރު އަދާކޮށްފައެވެ. ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުންދާ މީދޫގައި ގާއިމުކުރެވުނު މި މާރުކޭޓާއެކު ރަށުގެ އިގްތިސާދަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ގަބޫލުކުރެއެވެ.