ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

2 ކިލޯގެ މަސްތުވާތަކެއްޗާއެކު ގަން އެއާޕޯޓުން އަތުލައިގަތް މީހާ 24 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

2 ކިލޯގެ މަސްތުވާތަކެއްޗާއެކު ގަން އެއާޕޯޓުން އަތުލައިގަތް މީހާ 24 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ވައިގެ މަގުން އައްޑޫ ސިޓީއަށް ދެ ކިލޯއާ ގާތްކުރާ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު 24 އަހަރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ ހުކުމް އައިސްފައިވަނީ ށ. ކޮމަންޑޫ، ވިނަރެސް، ހުސައިން ނަބީލްގެ މައްޗަށެވެ.

މި މައްސަލައަކީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ މޯލްޑިވިއަންގެ ފްލައިޓަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފެންމަތިވި މައްސަލައެކެވެ. ގަން އެއާޕޯޓުގެ ޑޮމެސްޓިކް އެރައިވަލްއިން ނަބީލް ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި ހުރި ޓްރިމަރު ފޮށިގަނޑެއްގެ ތެރެއިން 1,998.7 ގްރާމްގެ ޑައިމޯފިން ވަނީ ފެނިފައެވެ.

ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި ނަބީލް އައްޑޫއަށް ދިޔައީ އެ ތަކެތި ހަވާލުކުރުމަށްފަހު އެނބުރި އައުމަށް އެންމެ 4 ގަޑިއިރުގެ ކުރު ދަތުރެއްގައެވެ. އަދި މި ދަތުރުގެ ޓިކެޓާއި ޚަރަދުތައް އެހެން މީހަކު ހަމަޖައްސައިދިންއިރު، މަސްތުވާތަކެތި ފޮނުވި ފަރާތް ހޯދުމަށް ފުލުހުން ހިންގަން އުޅުނު ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަށް އެއްބާރުލުން ދިނުމަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.

ށަރީއަތުގައި ދިފާއުގައި ވާހަކަދައްކަމުން ކޮތަޅުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ނަބީލް ބުނި ނަމަވެސް، އެހާ ކުރު މުއްދަތަކަށް ދަތުރުކުރި ސަބަބާއި ކޮންޓްރޯލް ޑެލިވަރީއަށް އެއްބާރުލުން ނުދިން ސަބަބު އެކަށީގެންވާ ގޮތެއްގައި ބުނެދެވިފައެއް ނުވެއެވެ. އެހެންކަމުން ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން ނިންމީ އޭނާގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށެވެ. މީގެ ކުރިން ބަންދުގައި ހޭދަކުރި 90 ދުވަސް އުނިކުރުމަށްފަހު އޭނާ ތަންފީޒު ކުރަންޖެހެނީ 24 އަހަރާއި 9 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.