އެލައިޑް ހެލްތު ޕްރޮފެޝަނަލް ސްކޮލަރޝިޕްގެ 955 ޖާގައަށް ފުރުޞަތު ހުޅުވާލައިފި
ސިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރުމަށްޓަކައި، 51 ދާއިރާއެއް ހިމެނޭހެން އެލައިޑް ހެލްތު ޕްރޮފެޝަނަލް ސްކޮލަރޝިޕް ސްކީމަށް އެދުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން،ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔެވުމަށް މި ސްކީމްގެ ދަށުން ޖުމްލަ 955 ސްލޮޓް ވަނީ ކަނޑައަޅާފައެވެ.
މި ސްކޮލަރޝިޕްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު "ކުރި" ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިވަނީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ނިޔަލަށެވެ. މި ސްކީމްގެ ދަށުން ޑިޕްލޮމާ، ބެޗެލާސް ޑިގްރީ އަދި މާސްޓާސް ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ސްކޮލަރޝިޕް ހުޅުވާލާފައިވާ މުހިންމު ދާއިރާތަކުގެ ތެރޭގައި ފިޒިއޮތެރެޕީ، ކައުންސިލިން، ސައިކޮލޮޖީ، ފާމަސީ އަދި އޮޕްޓޮމެޓްރީ (ލޮލުގެ ފަރުވާ) ހިމެނެއެވެ.
Ads by BMLކުރިމަތިލެވޭނެ މީހުންގެ ޝަރުތުތައް:
• ހުށަހަޅާ ފަރާތަކީ އެމީހަކު މިހާރު ހާސިލުކޮށްފައިވާ ސަނަދަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގްރާމަކަށް ފުރުސަތު ހޯދާ ފަރާތަކަށް ވާންޖެހުން.
• ކިޔަވަން ހުށަހަޅާ ޕްރޮގްރާމުން ޕްލޭސްމަންޓް ލިބިފައިވާ ފަރާތަކަށްވުން.
• މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކް ގެ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވުން.
• މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން ދޫކުރާ ރިކޮގްނިޝަން އޮފް އިންޓެންޑެޑް ޕްރޮގުރާމްގެ ލިޔުން ލިބިފައިވުން.
• މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ ލިޔުން ލިބިފައިވުން.
• ރާއްޖެއިން ބޭރުގައި ކިޔަވަން އެދޭ ފަރާތެއްނަމަ، އެއީ ރާއްޖޭގައި ފުރިހަމަކުރެވެން ނެތް ޕްރޮގްރާމަކަށް ވާންޖެހުން.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ސްކޮލަރޝިޕް ލިބޭ ފަރާތްތައް ހޮވުމުގައި ބަލާނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ތަރުތީބުން (ފަސްޓް-ކަމް-ފަސްޓް-ސާވް އުސޫލުން)، ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަވެފައިވާ ތަރުތީބަށް ބަލައިގެންނެވެ. އަދި ދިވެހި ކުދިން ހޮވަމުންދާނީ ޓްރެއިނިންގ ރިކްއާރމަންޓްގައި ބަޔާންކޮށްފައިވާ ފުރުސަތުތަކުގެ އަދަދު ހަމަވަންދެން ނުވަތަ އެ އަހަރަކަށް ކަނޑައަޅައިފައިވާ ބަޖެޓް ލިމިޓާ ހަމައަށެވެ.
މި ސްކީމަކީ ރާއްޖޭގެ ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތްތަކަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށްޓަކައި، މިދިޔަ އަހަރު މިނިސްޓްރީ އޮފް ހެލްތާއި، މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން 1500އަށްވުރެ ގިނަ ދިވެހިން ތަމްރީން ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގޭ މުހިންމު މަޝްރޫޢެކެވެ. މިޕްރޮގްރާމަށް ބޭނުންވާ ލެކްޗަރާއިންނާއި ވަސީލަތްތައް ހޯދައި، އަމަލީ ތަމްރީނު ލިބޭނެ އިންތިޒާމުތައް ޤައުމީ ޔުނިވަރސިޓީން މިހާރު ވަނީ ހަމަޖައްސާފައެވެ.
Ads by MACL
