ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ސަރުކާރުން އަނބުރާ ދައްކަން ނުޖެހޭ މާލީ އެހީއެއް ދޭން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ގެދޮރު އެޅުމަށް ބޭންކުތަކުން ދޫކުރާ ލޯނުތަކަށް އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހަމަޖެއްސުމުގައި ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި، އަނބުރާ ދައްކަން ނުޖެހޭ ޚާއްޞަ މާލީ އެހީގެ ސްކީމެއް ތަޢާރަފްކުރަން ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އެމަނިކުފާނާ ޙިއްސާކުރުމަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސްކީމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި މުހިންމު ކަންތައްތައް:
• އަނބުރާ ދައްކަން ނުޖެހޭ އެހީ: ބޭންކު ލޯނުތަކުގެ އިކުއިޓީގެ ގޮތުގައި ނަގާ %5 ހަމަޖެއްސުމަށް ސަރުކާރުން ދޭ މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭނެ މާލީ އެހީއެކެވެ.
• ދޫކުރުމަށް ރާވާފައިވާ ޢަދަދު: ވަކިވަކި ފަރާތްތަކަށް މި ސްކީމްގެ ދަށުން ގާތްގަނޑަކަށް 2 ލައްކަ ރުފިޔާ ދިނުމަށް ވަނީ ރާވާފައެވެ.
• ގުޅިގެން މަސައްކަތްކުރުން: ބިން ލިބިފައިވާ ފަރާތްތައް އެއްކޮށްލައިގެން މަސައްކަތްކުރާނަމަ، 3 މީހުން ނުވަތަ 5 މީހުން ތިބި ނަމަ 1 މިލިޔަން ރުފިޔާއާ ހަމައަށް ބޮޑު ޢަދަދެއްގެ ފައިސާ ލިބިގެންދާނެއެވެ.
• އިސްކަންދޭ ފަރާތްތައް: މި ސްކީމްގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭނީ ސޯޝަލް ހައުސިންގެ ތެރެއިން ފްލެޓެއް ލިބިފައިނެތް، އަދި އެއްވެސް ވަރަކަށް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށެވެ.
• ފަންޑު ހަމަޖެހިފައިވުން: މި ސްކީމަށް ބޭނުންވާ ފައިސާ މިހާރުވެސް ޓްރަސްޓް ފަންޑުގައި ބަހައްޓާފައި ހުރި އިރު، ވީހާވެސް އަވަހަކަށް މި ސްކީމް ޢާންމުކޮށް ހުޅުވާލުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

މި ސްކީމްގެ ސަބަބުން ހުޅުމާލެ ފޭސް 2 ފަދަ ސަރަޙައްދުތަކުން ބިން ލިބި، ބޭންކުތަކުގެ ޝަރުތުތައް ހަމަނުވުމުގެ ސަބަބުން ޢިމާރާތް ނުކުރެވިފައި ތިބި ގިނަ ޢަދަދެއްގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔަކާއި އެހީތެރިކަމެއް ލިބިގެންދާނެއެވެ.