ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުރްމުޒް ކަނޑުއޮޅި ބަންދުވުމުން ކާބޯތަކެތީގެ އަގު އުފުލި ދަނޑުވެރިކަމަށް ބޮޑު ލޮޅުމެއް!

ދަނޑުވެރިން / ފޮޓޯ: ރޮއިޓާސް
ދަނޑުވެރިން / ފޮޓޯ: ރޮއިޓާސް

ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން، ދަނޑުވެރި އުފެއްދުންތައް ބޭނުންކުރުމަށާއި ކެނޑުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އދގެ ދަނޑުވެރިކަން ތަރައްޤީކުރުމާ ބެހޭ ބައިނަލްއަޤްވާމީ ފަންޑު އިން ހާމަކޮށްފިއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއިން އީރާނުގެ އުޅަނދުފަހަރަށް އެމެރިކާއިން ހުރަސްއަޅާތީ، އެމެރިކާއަށް ފިއްތުންތައް ކުރިމަތިކުރުވަން އީރާނުން ދަނީ ހުރްމުޒް ކަނޑުއޮޅިއަށް ބާރުފޯރުވަން މަސައްކަތް ކުރަމުންނެވެ.

އައިއެފްއޭޑީގެ ރައީސް އަލްވަރޯ ލާރިއޯ ވިދާޅުވި ގޮތުގައި، ގަސްކާނާ ލިބުން ދަތިވެ، ތެލާއި ދަތުރުފަތުރުގެ އަގު ބޮޑުވުމުގެ ސަބަބުން ދަނޑުވެރިކަމުގެ ސިނާއަތަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އަދި މި ޙާލަތު އެލް ނިނޯގެ ސަބަބުންނާއި ކަޅު ކަނޑު މެދުވެރިކޮށް އުފުލާ ގޮދަނުގެ ސްޓޮކަށް އަސަރުކޮށްފައިވާތީ އިތުރަށް ވަނީ ގޯސްވެފައެވެ.

މީގެ ކުރިން ރައްކާކޮށްފައި ހުރި ސްޓޮކްތައް ހުސްވަމުންދާތީ، ދަނޑުވެރިންނަށް މިހާރު މަޖުބޫރުވެފައިވަނީ ނުހަނު ފަރުވާތެރިކަމާއެކު ގަސްކާނާ ބޭނުންކުރުމަށެވެ. މީގެ އިތުރުން ތެލުގެ އަގު މަތިވުމުގެ ސަބަބުން މެޝިނަރީ ބޭނުންކޮށްގެން ގޮވާން ކެނޑުމަށް ވެސް ވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ.

މި އަހަރުގެ ތިންވަނަ ކުއާޓާގައި ދަނޑުވެރި އުފެއްދުންތަކުގެ އަގު 13 އިންސައްތައަށް އުފުލިފައިވާއިރު، ހިނގަމުންދާ ހަތަރުވަނަ ކުއާޓާގައާއި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް އަގުތައް އިތުރަށް މަތިވާނެ ކަމަށް ބެލެވެއެވެ. މި ކަމުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް އޮތީ އިމްޕޯޓަށް ބަރޯސާވާ ޤައުމުތަކަށެވެ.

އެގޮތުން ދެކުނުއިރުމަތީ އޭޝިއާގެ ޤައުމުތަކަކީ ތެލަށް ބަރޯސާވާ ޤައުމުތަކެއް ކަމަށްވާއިރު، ގަލްފުގެ ޤައުމުތަކަކީ ކާބޯތަކެތީގެ އިމްޕޯޓަށް ބަރޯސާވާ ޤައުމުތަކެކެވެ.
މި ޙާލަތުން އަރައިގަތުމަށްޓަކައި، އދގެ ތާއިދާއެކު ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ގަސްކާނާ ފޮނުވުމުގެ ރޭވުމެއް މިހާރު ވަނީ އެކުލަވައިލެވިފައެވެ.

ނަމަވެސް، ކުރިއަށް އޮތް ހަފުތާތަކުގައި ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އޭޝިއާއާއި އެފްރިކާގެ ބައެއް ސަރަޙައްދުތަކަށް ކާބޯތަކެތި ކަށަވަރުކުރުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވާނެ ކަމުގެ އިންޒާރު މިއޮޕަރޭޝަން ވިލަރެސްކުރާ އިސް ފަރާތުން ވަނީ ދެއްވާފައެވެ.