ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ތަރި މައިކަލް އޯވެންއާއެކު ނަގާފައިވާ ފޮޓޯއަކުން އީޝާ އަލުން ސަމާލުކަމަށް
ޝަރީއަތުގެ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ އެގްޒެކެޓިވް އައިޝަތު އީޝާ އަޝްރަފް، ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ތަރި މައިކަލް އޯވެންއާއެކު ނަގާފައިވާ ފޮޓޯއެއް އާންމުކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން އަނެއްކާވެސް އޭނާއަށް ހުއްޓިއްޖެއެވެ.
މި ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ތަފާތު ގިނަ ރިއެކްޝަންތަކެއް އަންނަނީ ލިބެމުންނެވެ. އީޝާއަކީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްގީކުރުމާ ބެހޭ ވުޒާރާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުކަމުގެ އިތުރުން ވެރިކަންކުރާ ޕީއެންސީގެ ޒުވާނުންގެ ހަރާތްތަކުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
އީޝާއަށް އެންމެ ބޮޑަށް މީޑިއާއާއި އާންމުންގެ ސަމާލުކަން ލިބުނީ "އަދަދު" އޮންލައިން ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ބޮޑެތި ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ.
Ads by BMLއެ ޑޮކިއުމެންޓްރީގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އޭނާގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. ސިއްރުކޮށްގެން ކުރިއަށް ގެންދާ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ބާއްވާފައެވެ.
މި މައްސަލައިގައި އީޝާގެ ގާނޫނީ ޓީމުގައި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ހިމެނިވަޑައިގަންނަވާއިރު، ފުލުހުންގެ ތަހުގީގުގައި ސިޔާސީ ނުފޫޒު އޮތް ކަމަށް އެ ޓީމުން ވަނީ ތުހުމަތުކޮށްފައެވެ. މީގެ އިތުރުން އޭނާގެ އާއިލާ ބްލެކްލިސްޓްކޮށް، ވަޒީފާގެ ފުރުސަތުތައް ބަންދުކުރަމުންދާ ކަމަށް ބުނެ ސަރުކާރުގެ އިސް ބޭފުޅުންނަށް އީޝާ ވަނީ ތުހުމަތުތަކެއް ކުރައްވާފައެވެ.
ސޯޝަލް މީޑިއާގައި އާންމުވެގެން އުޅޭ މި ފޮޓޯއަކީ ކޮން އިރަކު އަދި ކޮން ތަނަކުން ނަގާފައިވާ ފޮޓޯއެއްކަން ސާފުވެފައި ނުވި ނަމަވެސް، ދުނިޔޭގެ ފުޓުބޯޅައިގެ ބޮޑު ނަމަކާއެކު އީޝާ ފެނިގެންދިއުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިއަށް ހުއްޓިފައެވެ. އަދި ޝަރީއަތުގެ މައްސަލަތަކާއި ސިޔާސީ ގޮންޖެހުންތަކުގެ ތެރެއިން މީޑިއާގެ ސަމާލުކަން ކުޑަވެފައިވަނިކޮށް، މި ފޮޓޯއާއެކު އޭނާގެ ނަން އަނެއްކާވެސް މީޑިއާތަކުގެ ސުރުޚީތަކަށް ވަނީ އައިސްފައެވެ.
Ads by MACL
