ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެލްޖީއޭ ބޯޑަށް މޭޔަރު ޢާތިފް އިންތިޚާބުކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ އަލްފާޟިލް މުޙައްމަދު ޢާތިފް / ފޮޓޯ: ލޯކަލް ގަވަރމަންޓް އޮތޯރިޓީ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ އަލްފާޟިލް މުޙައްމަދު ޢާތިފް / ފޮޓޯ: ލޯކަލް ގަވަރމަންޓް އޮތޯރިޓީ

ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު ޢާތިފް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑު މެންބަރުކަމަށް އައްޔަންކުރައްވައިފިއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ދަށުން، ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރާ މެންބަރެއްގެ ގޮތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ އަލްފާޟިލް މުޙައްމަދު ޢާތިފް ވަނީ ހޮވިވަޑައިގެންފައެވެ.

މި މަގާމަށް މުޙައްމަދު ޢާތިފް ހޮވިވަޑައިގަތީ ރާއްޖޭގެ ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ މެދުގައި ބޭއްވުނު ވޯޓަކުންނެވެ. އެލްޖީއޭ ބޯޑަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށާއި، ކައުންސިލްތަކުގެ ހިންގުން ބަލައި ފާސްކުރުމަށް އެކުލަވާލާފައިވާ އެންމެ މުހިންމު ބޯޑެވެ.

މި އައްޔަންކުރުމާ ގުޅިގެން މޭޔަރު މުޙައްމަދު ޢާތިފް ވިދާޅުވީ، އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލްތަކާއި ލޯކަލް ކައުންސިލްތަކުގެ ހުރި ކަންބޮޑުވުންތަކަށް ވަކާލާތުކޮށް، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ޚާއްޞަކޮށް ސިޓީތަކުގެ ތަރައްޤީއަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް ބޯޑުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މުޙައްމަދު ޢާތިފް އެލްޖީއޭ ބޯޑާ ގުޅިވަޑައިގަތުމަކީ ކުޅުދުއްފުށީ ސިޓީގެ އިތުރުން މުޅި އުތުރުގެ ތަރައްޤީއަށާއި ލާމަރުކަޒީ ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.