މާލީ ހިދުމަތްތަކުގެ އެހީގައި އޮގަސްޓް މަހު ރާއްޖޭގެ އިގްތިސާދު 2.4 އިންސައްތަ ކުރިއަށް
މާލީ ހިދުމަތްތަކާއި، ރިއަލް އެސްޓޭޓް އަދި ވިޔަފާރީގެ ދާއިރާތަކަށް އައި ބޮޑު ކުރިއެރުމާއެކު، ނިމިދިޔަ އޮގަސްޓް މަހު ރާއްޖޭގެ އިގްތިސާދު 2.4 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފިއެވެ.
އެ އިދާރާއިން އިއްޔެ އާންމުކުރި "މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތް" ރިޕޯޓުގައިވާ ގޮތުން، 2026 އޮގަސްޓް މަހުގެ ޖުމްލަ އިގްތިސާދީ އުފެއްދުންތެރިކަން (GDP) ވަނީ 9.64 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު (9.41 ބިލިއަން ރުފިޔާ) އިތުރު އަދަދެކެވެ. އަދި މިއީ މިއަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 5.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ރިޕޯޓްތައް ދައްކާގޮތުން އިގްތިސާދީ ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް ކުރީ މާލީ ހިދުމަތްތަކުގެ ދާއިރާއިންނެވެ. ބޭންކިންގް އަދި އިންޝުއަރެންސްގެ ހިދުމަތްތައް ފުޅާވުމާއެކު، މި ދާއިރާގެ އުފެއްދުންތެރިކަން ވަނީ އަހަރުން އަހަރަށް 21.9 އިންސައްތަ އިތުރުވެ، 748 މިލިއަން ރުފިޔާއަށް އަރާފައެވެ.
Ads by BMLމީގެ އިތުރުން، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ 8.1 އިންސައްތަ ކުރިއަރައި 864 މިލިއަން ރުފިޔާ ލިބިފައިވާއިރު، އިމާރާތްކުރުމުގެ ދާއިރާ ވަނީ 10.4 އިންސައްތަ ކުރިއަރައި 487 މިލިއަން ރުފިޔާއަށް ޖެހިލާފައެވެ.
ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ހިއްސާއެއް ހިފަހައްޓާ ފަތުރުވެރިކަމުގެ ދާއިރާ (Accommodation and food services) އިން ވަނީ ޖުމްލަ އިގްތިސާދުގެ 23.1 އިންސައްތަ ހިއްސާކޮށްފައެވެ. ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭތަކުގެ އަދަދު އިތުރުވުމާ ގުޅިގެން މި ދާއިރާއިން 2.23 ބިލިއަން ރުފިޔާ އުފެއްދިއިރު، މިއީ އޭގެ ކުރީ އަހަރަށްވުރެ 0.7 އިންސައްތައިގެ ކުރިއެރުމެކެވެ. ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތްތަކުގެ ދާއިރާވެސް ވަނީ 0.8 އިންސައްތަ ކުރިއަރައި 1.13 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ނަމަވެސް، މަސްވެރިކަމުގެ ދާއިރާއަށް މިދިޔަ އޮގަސްޓް މަހު ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. ކުރީ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މަސްވެރިކަމުގެ އުފެއްދުންތެރިކަން 65.6 އިންސައްތަ ދަށަށް ގޮސް، ލިބުނީ 104 މިލިއަން ރުފިޔާއެވެ. މިއީ އިގްތިސާދީ ކުރިއެރުމަށް އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރި ދާއިރާއެވެ.
އޮގަސްޓް މަހުގެ އިގްތިސާދީ އުފެއްދުންތެރިކަމަކީ މިއަހަރުގެ ޖެނުއަރީ މަހަށްފަހު (10.06 ބިލިއަން ރުފިޔާ) އެންމެ މަތިން ރެކޯޑުކުރެވުނު މަހެވެ. މި ހިސާބުތަކަކީ 2019 ވަނ އަހަރުގެ ދާއިމީ އަގުތަކަށް ބިނާކޮށް ނެރެފައިވާ އަންދާސީ ހިސާބުތަކެއް ކަމުން، ކުރިއަށް އޮތް ތަނުގައި އާ މައުލޫމާތު ލިބުމުން މިއަށް ބަދަލުއައުމަކީ އެކަށީގެންވާކަމެއް ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަކުރެއްވިއެވެ.
Ads by MACL
