ރަސްމާލޭގެ ސެކިއުރިޓީއާ ގުޅުވައި ސޯޝަލް މީޑިއާގައި ފަތުރަނީ ދޮގު ވާހަކަތަކެއް: މިނިސްޓަރު އިޙްސާން
ރަސްމާލެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިސްލާމީ ވަޙްދަތަށް އޮތް ނުރައްކަލެއް ކަމަށް ސިފަކޮށް، އެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުން އަމިއްލަ ކުންފުންޏަކާ ޙަވާލުކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ފަތުރަމުންދާ ވާހަކަތައް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ކަނޑައެޅިގެން ދޮގުކުރައްވައިފިއެވެ.
މިނިސްޓަރު އިޙްސާން މި ވާހަކަތަކަށް ރައްދުދެއްވީ، ރަސްމާލޭގެ ސަލާމަތީ ކަންކަމާ ގުޅުވައިގެން ރާއްޖޭގެ ރައްޔިތަކު ސޯޝަލް މީޑިއާގައި ޝާއިޢުކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ދިވެހި ސަލާމަތީ ބާރުތަކުގެ ބަދަލުގައި އަލްޢައްބާރުގެ އަމިއްލަ ސެކިއުރިޓީއަށް މުޅި ރަސްމާލެ ދޫކޮށްލާފައި އޮތް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އެ ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރު އިޙްސާން ނޫސްވެރިންނަށް ކަށަވަރުކޮށްދެއްވީ، ދިވެހިރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ފުރިހަމައަށް ހިންގާނެ ކަމަށާއި، ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ޤާނޫނީ ފުރިހަމަ ބާރު އެ ސަރަހައްދުގައި ދެމިއޮންނާނެ ކަމަށެވެ. އަދި މި ނޫން ގޮތަކަށް މި ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެރުވިއެވެ.
Ads by BML"އަޅުގަނޑަކީވެސް މިރާއްޖެ ދިފާޢުކުރުމަށް ފުރާނަ ދޫކޮށްލުމަށް ހުވާކޮށްގެން ހުރި މީހެއް. މި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ހުރިހާ ރައްޔިތުންނަށް އަރުވަން،" މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމާލޭގެ މަޝްރޫޢުގެ ޠަބީޢަތް ސާފުކޮށްދެއްވަމުން މިނިސްޓަރު އިތުރަށް ބަޔާންކުރެއްވީ، ރަސްމާލޭގެ އެއްބަޔަކީވެސް ރާއްޖޭގައި ވިޔަފާރީގެ އުޞޫލުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ. އަދި މިހާރުވެސް ފަތުރުވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން ސިނާޢީ މަސައްކަތްތަކަށް 200 އަށްވުރެ ގިނަ ރަށް ދޫކޮށްފައިވާއިރު، އެ ހުރިހާ ރަށެއްގެ އެތެރޭގެ ސެކިއުރިޓީ ބަލަހައްޓަމުންދަނީ އެބަޔަކު އަމިއްލައަށް ކަމަށާއި، ރަސްމާލޭގެ އުޞޫލަކީވެސް އެއީ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، އެ ހުރިހާ ތަނެއްގައިވެސް ދިވެހި ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ފުލުހުން އެކަން ކުރާނެ ކަމަށާއި، ރަސްމާލޭގައިވެސް އެ ވާޖިބު ފުލުހުން ފުރިހަމައަށް އަދާކުރާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ. އަދި މަޝްރޫޢުގެ ބާވަތުން އެ މަސައްކަތް ކުރަންޖެހެނީ އެރަށުގައި ޤާއިމުވެތިބެގެން ކަމަށްވާނަމަ، އެއްވެސް ހުރަހެއްނެތި އެކަންވެސް ކުރާނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިޙްސާން ވަނީ މި މަޝްރޫޢާ ގުޅުވައިގެން ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދޭނެހެން ދޮގު ވާހަކަ ނުފެތުރުމަށް ގޮވާލައްވާފައެވެ. އަދި ޤައުމީ ސަލާމަތާ ގުޅޭ ނާޒުކު ކަންކަމުގައި ދޮގު މައުލޫމާތު ނުފެތުރުމަށާއި، ކަންކަމުގެ ޞައްޙަ މަޢުލޫމާތު ނެތްނަމަ އެ މަޢުލޫމާތު އެނގޭ ރަސްމީ ފަރާތްތަކުން ސާފުކުރުމަށްވެސް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
Ads by MACL
