ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އޯއައިސީގެ 52 ވަނަ ބައްދަލުވުމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އިރާގަށް

އޯއައިސީގެ 52 ވަނަ ބައްދަލުވުމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އިރާގަށް

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ފޮރިން މިނިސްޓަރުންގެ 52 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަށްޓަކައި، ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް އިރާގަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ފައްޓަވައިފިއެވެ.

މި ސެޝަންގައި ރާއްޖޭގެ ފަރާތުން އެންމެ ބޮޑު އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް ވަކާލާތުކުރުމާއި، އެ ގައުމުގެ ރައްޔިތުންގެ ހައްގުތަކާއި ހިމާޔަތް ކަށަވަރުކުރުމަށްޓަކައި އަމަލީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އޯއައިސީގެ މެންބަރު ގައުމުތަކަށް އިލްތިމާސްކުރުމަށެވެ.

މީގެއިތުރުން، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން އިސްލާމީ ގައުމުތަކުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށާއި، ކާބޯތަކެއްޗާއި އަސާސީ މުދާ ހޯދުމުގައި ދިމާވާ ދަތިތަކަށް އެދެވޭ ހައްލެއް ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެކަންކަމުގެ އިތުރުން ދަނޑުވެރިކަމާއި، ޓެކްނޮލޮޖީއާއި، ޑިޖިޓަލައިޒޭޝަން އަދި ސިއްހީ ދާއިރާއިން އޯއައިސީގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކޮށް، އިޖުތިމާއީ އަދި އިގްތިސާދީ ގުޅުންތައް މިހާރަށްވުރެ ބަދަހިކުރުމަށް ރާއްޖެއިން ބާރުއަޅާނެއެވެ.

ދިވެހިރާއްޖެ އޯއައިސީގެ މެންބަރަކަށްވިތާ 50 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، މި ދަތުރުފުޅުގެ ހަވާސާގައި ބައްދަލުވުން ބާއްވާ މައި ގައުމު ކަމަށްވާ އިރާގުގެ ފޮރިން މިނިސްޓަރުގެ އިތުރުން އެހެން ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރެއްވުމަށް ވަޒީރު އިރުތިޝާމް މަޝްވަރާކުރައްވާނެއެވެ.