ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޑިއާއިން ރާއްޖެއަށް ދޫކުރި 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކޮށްދީފި

އިންޑިއާއިން ރާއްޖެއަށް ދޫކުރި 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކޮށްދީފި

އިންޑިއާގެ މަރުކަޒީ ބޭންކު، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ދިވެހިރާއްޖެއަށް ދޫކޮށްފައިވާ 30 ބިލިއަން އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 319 މިލިއަން އެމެރިކާ ޑޮލަރު) ގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދީފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ހާމަކުރި ގޮތުގައި މި މުއްދަތު އިތުރުކޮށްދިނީ ދިވެހި ސަރުކާރަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މި ފެސިލިޓީގެ ބޭނުން ހިފަން ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ. އާންމުގޮތެއްގައި ކަރަންސީ ސްވޮޕް ފެސިލިޓީތަކަކީ ތިން މަސްދުވަހުގެ ކުރު މުއްދަތަކަށް ދޫކުރެވޭ މާލީ އެހީއަކަށްވީ ނަމަވެސް، މީގެ ކުރިންވެސް ސަރުކާރުން ނަގާފައިވާ މިފަދަ ފެސިލިޓީތަކުގެ މުއްދަތު ހަ މަސްދުވަހަށް އިތުރުކޮށްދީފައިވެއެވެ.

މި ފެސިލިޓީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހަމަޖެހުނު އެހީއެކެވެ. އެ އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދޫކުރުމަށް ދެގައުމުން އެއްބަސްވެފައިވެއެވެ.

ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކޮށްދީފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ދޫކުރި 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީ ސަރުކާރުން މިއަހަރުގެ ތެރޭގައި ވަނީ އަނބުރާ ދައްކައި ނިންމާފައެވެ. މީގެއިތުރުން، މިދިޔަ ސެޕްޓެމްބަރު މަހު އިންޑިއާ ސަރުކާރުން ދޫކުރި 50 މިލިއަން ޑޮލަރުގެ ޓީ-ބިލްވެސް ސަރުކާރުން ވަނީ އަދާކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 2019 ވަނަ އަހަރު އިންޑިއާ ސަރުކާރު މެދުވެރިކޮށް ތިން ބުރެއްގެ މަތިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަނިވެސް މިހާރު ވަނީ އެއްކޮށް ދައްކައި ޚަލާޞްކޮށްފައެވެ. އިންޑިއާ ހައިކޮމިޝަނުން ބުނި ގޮތުގައި އެ ތިން ޓީ-ބިލްގެ އިންޓްރެސްޓްގެ ގޮތުގައި އަރާފައިވާ 43 މިލިއަން ޑޮލަރު ދައްކާފައިވަނީ އިންޑިއާ ސަރުކާރުންނެވެ.

ކަރަންސީ ސްވޮޕާއި ޓީ-ބިލް ފެސިލިޓީގެ އިތުރުން، ދިގު މުއްދަތުން ދައްކާ ގޮތަށް އިންޑިއާއިން ވަނީ ރާއްޖެއަށް ދެ ޓީ-ބޮންޑް ފެސިލިޓީއެއްވެސް ދޫކޮށްފައެވެ. އެއީ 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދެ ފެސިލިޓީއެވެ.

ގައުމީ ރިޒާވް ވަރުގަދަކުރުމަށް ކުރު މުއްދަތުގެ ފައިނޭންސިން ފެސިލިޓީއެއްގެ ގޮތުގައި ކަރަންސީ ސްވޮޕް ބޭނުންކުރަމުންދާއިރު، މިދިޔަ ސެޕްޓެމްބަރު މަސް ނިމުނުއިރު ދައުލަތުގެ ރިޒާވްގައި ހުރީ 547 މިލިއަން އެމެރިކާ ޑޮލަރެވެ.