ލަގެޖުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު އިންޑިއާ މީހާ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި
ރާއްޖެއަށް އެތެރެކުރި ލަގެޖުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިގެން އަތުލައިގަތް އިންޑިއާގެ ރައްޔިތަކު، ތަޙުޤީޤުގެ ބޭނުމަށް 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ ޝަނަވާސް މަލަޔިލްއެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ޤާޟީ ޢަލީ ނަދީމް ނެރުއްވި އަމުރާއެކު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހަށެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އޭނާގެ ލަގެޖު ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ފުޅި ވަނީ ފެނިފައެވެ. އަދި ތަޙުލީލު ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ ދެ ފުޅީގައި 1.808 ކިލޯގްރާމްގެ ޓެޓްރާހައިޑްރޯ ކެނަބިނޯލް (ޓީއެޗްސީ) އާއި ކެނަބިނޯލް ހުއްޓެވެ. މީގެ އިތުރުން އޭނާގެ ކުޑަކަމުދާތަކެތި ތަޙުލީލުކުރިއިރު ވަނީ އެމްފިޓަމިން އާއި ކެނަބިސްއަށް ޕޮޒިޓިވްވެފައެވެ.
Ads by BMLފުލުހުން ކޯޓަށް ހުށަހެޅި ބަޔާނުގައިވާ ގޮތުން، ކަސްޓަމްސްއިން އޭނާއާއި ލަގެޖު ފުލުހުންނާ ހަވާލުކުރުމުން އެ ތަކެއްޗާ ގުޅޭގޮތުން ސުވާލުކުރުމުން، އެއީ އޭނާގެ އަމިއްލަ ތަކެތި ކަމަށާއި އެހެން އެއްވެސް ފަރާތަކަށް ރައްދުކުރަންޖެހޭ އެއްޗެއް ނޫން ކަމަށް ބުނެފައިވެއެވެ. އޭނާ އެހެން ބުނުމާ ގުޅިގެން މި މައްސަލައިގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދެވިފައި ނުވާކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުން އޭނާ ބަންދުގައި ބަހައްޓަން ނިންމެވީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިޢާޔަތްކުރުމަށްފަހުއެވެ. ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި އޭނާގެ ބައިވެރިވުން އޮތް މިންވަރަށް ބަލާއިރު، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ފެންނާތީ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
Ads by MACL
